ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ލޯތްބާއި ތާއީދު ދެއްކުމަށް ޕީއެންސީން މިރޭ ބާއްވާ ޖަލްސާއަށް މުޅި ރާއްޖެއިން އަންނަ މެންބަރުންނަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިފެހެއްޓުމެއް ނެތި ޝުކުރު އަދާކުރައްވައިފި އެވެ.
ނައިބު ރައީސް މި ޝުކުރު އަދާކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުއަށް އޮތް ލޯތްބާއި ކުރާ ތާއީދަށް ޕާޓީ އިން ގޮވާލި ގޮވާލުމަށް، މިރޭގެ ޖަލްސާއަށް އަންނަ ޕީއެންސީގެ ފަހުލަވާނުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވާ ކަމަށެވެ.
މިރޭ ޕީއެންސީން ކުރިއަށް ގެންދާ މި ޖަލްސާ އަކީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޖަލްސާ ކަމަށް ވެއެވެ. މި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން މިހާރުވެސް މާލެ އަންނަމުންދާއިރު، ޕީއެންސީން އަންނަނީ މި ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ޖަލްސާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުން ހުރި މިންވަރުން އެ ޕާޓީ ހައިރާންވެފައިވާ ކަމަށެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ރަށަކުން 150 މީހުން ގެނައުމަށް ޓާގެޓް ކުރި ނަމަވެސް، 300 އާއި 700 އާ ދެމެދުގެ އަދަދުތަކަށް މީހުން އަންނަން ބޭނުންވެގެން ރިކުއެސްޓް ކުރަމުންދާ ކަމަށެވެ. އޭނާ ލަފާކުރެއްވި ގޮތުގައި، މި ޖަލްސާއަށް 18،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ އެވެ.
މި ބޮޑު ޖަލްސާ އާއި ގުޅިގެން މާލޭގެ ޓްރެފިކް ފްލޯ އަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ހެންވޭރުގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ އަށް ގެނެސްފައިވާ މި ބަދަލުތައް މިއަދު އިރު އޮއްސި 5:00 އިން ފެށިގެން ޖަލްސާ ނިމެންދެން ދެމިގެންދާނެ ކަމަށް ވަނީ ހަމަޖައްސާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ކޮންގްރެސް ޕާޓީ
