ސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވަނީ މި ހަފްތާގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭ ސަރަހައްދުގައި ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ވެމްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި ދެ ދުވަހު ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ހަމައެކަނި މާލޭ ސަރަހައްދުގަ އެވެ. މާލޭގެ ރައްޔިތުން ކުނި ނެރެވޭގޮތަށް ތައްޔާރުކުރުމަށް އެދެނީ 13:00 އާ 20:00 އާ ދެމެދުގަ އެވެ. އަދި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ދާނީ 14:00 އިން ފެށިގެން 20:00 އާ ހަމައަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި ބަދަލުގެ ސަބަބުތައް ހާމަކުރަމުން ވެމްކޯއިން ބުނެފައިވަނީ މާދަމާއިން ފެށިގެން ޑިސްޕޯސަލް ފެސިލިޓީ އަޕްގްރޭޑްކޮށް މަރާމާތު ކުރުމަށް ހަމަޖެހިފައިވާތީ އާއި އޮޕަރޭޝަނަލް ސީޒަނަލް ބޭނުންތަކަށް ޓަކައި މި ބަދަލު ގެނައީ ކަމަށެވެ. މި ބަދަލަކީ ވަގުތީ ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
ވެމްކޯއިން އާންމުކޮށް ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހަވީރާއި ރޭގަނޑުގަ އެވެ. އެހެންކަމުން، މި ދެ ދުވަހު ކުނި ނެގުމުގެ ވަގުތު ކުރިއަށް ޖެހިގެންދާއިރު، އެ ކުންފުނިން ވަނީ ކަސްޓަމަރުން މި ބަދަލަށް ސަމާލުވެ، ކުނި ނެރެވޭނެ ގަޑިއަށް ތައްޔާރުކުރުމަށް އެދިފަ އެވެ.
