އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ޖެނޮސައިޑް ހިންގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި އެވެ.
ތުރުކީން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވަނީ ނަތަންޔާހޫ ހިމެނޭހެން 37 މީހެއްގެ މައްޗަށެވެ. އޭގެތެރޭގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު، ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އަދި އަރމީ ޗީފް ވެސް ހިމެނެ އެވެ.
ތުރުކީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރު ކުރުމުގެ އަމުރު މި މީހުންގެ މައްޗަށް ނެރެފައިވަނީ ޣައްޒާގައި ޖެނޮސައިޑްގެ އިތުރުން އިންސާނިއްޔަތާ ދެކޮޅު ކުށްތައް ހިންގާފައިވާތީ ކަމަށެވެ.
އެގޮތުން 2023 އޮކްޓޫބަރު 17 ވަނަ ދުވަހު އިޒްރޭލުން ޣައްޒާގައި ހުންނަ އަލް-އަހްލި ބެޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރާލާފައިވާ ކަމަށާއި 2024 ފެބްރުއަރީ 29 ވަނަ ދުވަހު އިޒްރޭލުގެ ސިފައިން މެޑިކަލް އިކުއިޕްމެންޓްތަކެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. މީގެއިތުރުން ޣައްޒާއަށް އެހީވެއްދުން މަނާކޮށް އިންސާނީ އެހީއާއި ކާނާ ލިބުމުން ޣައްޒާގެ ރައްޔިތުން މަހުރޫމު ކުރި ކަމަށްވެސް ތުރުކީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ވަނީ ތުރުކީގެ މި އަމަލަކީ ”ޕީއާރް ސްޓަންޓެއް“ގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އިޒްރޭލުން، ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 68,875 މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ހަމަލާތަކުގައި 170,679 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ބެންޖެމިން ނަތަންޔާހޫ އިޒްރޭލް-ފަލަސްތީން ތުރުކީ ގައްޒާ ހަނގުރާމަ
