އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ ”ދަ ބާން ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އާޓިސްޓިކް ވޯކްސް“ ރާއްޖޭގައި ތަންފީޒު ކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މުއާހަދާގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ”އިންސްޓްރޫމަންޓް އޮފް އެކްސެޝަން“ ވަނީ މި މަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފަ އެވެ. މި ކޮންވެންޝަން ތަންފީޒު ކުރެވެން ފެށުމާއެކު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ބާން ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމާއެކު، ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުފެއްދުންތެރިންގެ އުފެއްދުންތައް ފަދައިން ހިމާޔަތާއި ރައްކާތެރިކަން ބާން ޔޫނިއަންގެ 181 ގައުމުން ލިބިގެންދާނެ އެވެ. މިއީ ދިވެހި އަދަބީ އަދި ފަންނީ މަސައްކަތްތައް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެކެވެ.
މިނިސްޓްރީން ވަނީ މި މުއާހަދާގައި ރާއްޖެ ބައިވެރިވުމަކީ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކޮށްފަ އެވެ.
”ރާއްޖެއިން މި މުއާހަދާގައި ބައިވެރިވުމަކީ ދިވެހިންގެ އުފެއްދުންތެރިކަން ރައްކާތެރިކުރުމާއި، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވުމާއި ގައުމުގައި އުފެއްދުންތެރިކަމުގެ ސިނާއަތްތައް ގާއިމްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތްތައް ކުރިއެރުވުމަށް އެކަށީގެންވާ މާހައުލެއް ގާއިމްކުރުމުގެ ގައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ލިބުނު ކާމިޔާބީއެއް،“ މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން، މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއެއް ހާސިލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެއީ 2030 ވަނަ އަހަރާއި ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު 15 އިންސައްތަ އަށް އިތުރުކުރުމުގެ ލަނޑުދަނޑި އެވެ.
މި މުއާހަދާގެ ސަބަބުން އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
