މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ޖުމްހޫރީ މައިދާނު ސަރަހަށްދުގެ ބައެއް މަގުތަށް ބަންދު ކޮށްފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުން ފެންނަ ގޮތުގައި މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނާ ހަމައަށް ވެހިކަލަށް ނުވަދެވޭ ގޮތަށްވަނީ ބަންދުކޮށްފަ އެވެ. އަދި މި ސަރަހައްދު ކައިރި މަގުތަކުގައި ޕާކް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގަ އެވެ.
މި މަޝްރޫއަކީ 144.5 މިލިއަން ރުފިޔާއަށް މި އަހަރުގެ އޭޕްރީލް މަހު ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 455 ދުވަހުގެތެރޭ މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ މަގު ހަތަރު ލޭނަށް ފުޅާކުރެވޭނެ އެވެ.
މީގެ އިތުރުން ދުވާރުތައް ހެދުމާއި، މަގުތަކުގައި ރޯޑް މާކިން އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ އެވެ.
