ލަންކާއިން 355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ ރާއްޖެއިން ބަރުކުރި ބޯޓެއް ނޫން: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

355 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓަކީ، ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ޝްރީލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރުގެ ނައިބު މޭޖަރ ޖެނެރަލް އަރުނާ ޖަޔަސޭކަރާ ވިދާޅުވި ގޮތުގައި ނޭވީ އިން ހުއްޓުވައި އަތުލައިގަތް މި މަސްތުވާތަކެތީގެ ބަރުދަނަކީ 350 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އަދި ހެރޮއިން ކަމަށެވެ. މި ތަކެތީގެ އަގު ގާތްގަނޑަކަށް 5 ބިލިއަން ރުޕީސް (16.66 މިލިއަން ޔޫއެސް ޑޮލަރު) އަށް އަރަ އެވެ.

މި މަސްތުވާތަކެތި ހުރީ 16 ބަސްތާކަށް އަޅާފައި ކަމަށާއި، މި ބޯޓު ހުއްޓުވީ ހޮނިހިރު ދުވަހު ސްރީލަންކާގެ ހުޅަނގު އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުން ކަމަށް ޖަޔަސޭކަރާ ވިދާޅުވި އެވެ. މި މަސް ދުވަހުގެ ބޯޓު އާދިއްތަ ދުވަހު ޑިކޯވިޓާ ފިޝަރީޒް ހާބަރަށް ގެނެސްފައިވާއިރު، މި ބޯޓުން ހަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނެ އެވެ.

ލަންކާ ނޭވީން އަތުލައިގަތް މަސްތުވާތަކެތި – މިއީ ރާއްޖެ ސަރަހައްދުން ބަރުކުރި މަސްތުވާތަކެތި ނޫންކަމަށް އެ އިދާރާއިން ބުނޭ

ސްރީލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ”ސީދޭވީ“ ގެ ނަން ދީފައިވާ އެ ބޯޓުން މަސްތުވާތަކެތި ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮވެގެންނެވެ. އަދި ޑްރަގާ އެކު އަތުލައިގަތް ބޯޓަކީ މަސް ބޯޓެއް ނަމަވެސް އެ އުޅަނދުގައި މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައިނުވާ ކަމަށް ތަހުގީގުން އެނގިފައިވާކަމަށްވެ އެވެ.

ފުލުހުން ދެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި ރާއްޖޭގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ސްރީލަންކާގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ޖަޔަސޭކަރާ އިތުރަށް ވިދާޅުވީ، މި އަހަރު އެކަނިވެސް ސްރީލަންކާއިން 4 މެޓްރިކް ޓަނުގެ ކްރިސްޓަލް މެތަމްފެޓަމިން އަދި ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ. މަސްތުވާތަކެތި ނައްތާލުމަކީ ނޭޝަނަލް ޕީޕަލްސް ޕަވަރ ޕާޓީގެ ވެރިކަމުގެ ދަށުން ސްރީލަންކާ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި ބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖެ - ލަންކާ ދިވެހި ފުލުހުންގެ ޚިދުމަތް ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ