އަންނަ އަހަރު ސްޓެލްކޯއަށް ސަބްސިޑީ ނުދޭނެ، ފެނަކައަށް 730 މިލިއަން

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށްޓަކައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދައުލަތުންދޭ ސަބްސިޑީ އަންނަ އަހަރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ނުދޭން ނިންމައިފި އެވެ.

މިކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުންނެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށްވެސް އަންނަ އަހަރު ސަބްސިޑީއެއް ނުދޭނެ އެވެ. ނަމަވެސް ކަރަންޓު އަގުހެޔޮ ކުރުމަށް ފެނަކައަށް ވަނީ 730 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފަ އެވެ.

ސްޓެލްކޯއަށް ސަބްސިޑީ ނުދޭން ނިންމީ އެ ކުންފުނިން މިހާރު ފައިދާގައި ހިންގާތީކަމަށް ބެލެވެ އެވެ. ސްޓެލްކޯއަށް 2023 ވަނަ އަހަރު 171 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، 2024 ވަނަ އަހަރު 181 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ. އަދި މިއަހަރުވެސް ކުންފުންޏަށް ފައިދާ ވާނެކަމަށް ބެލެވެ އެވެ. މީގެ އިތުރުން 2023 ވަނަ އަހަރުން 2024 ވަނަ އަހަރަށް ސްޓެލްކޯގެ އާމްދަނީވެސް 2.7 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި އިތުރު ސަބްސިޑީތަކަށް ބަލާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގުހެޔޮ ކުރުމަށްޓަކައި 1.06 ބިލިއަން ރުފިޔާ އަދި އެސްޓީއޯއިން ވިއްކާ ކާޑު އަގުހެޔޮ ކުރުމަށް 344 މިލިއަން ރުފިޔާ ހިމެނެ އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ ފެރީ އާއި ބަހުގެ ހިދުމަތުގެ އަގުހެޔޮ ކުރުމަށް 250 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ހެޔޮ ކުރުމަށް 66.6 މިލިއަން ރުފިޔާގެ ސަބްސިޑީއެެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ ކަނޑުމަހުގެ އަގު ހިފެހެއްޓުމަށް 280 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ހިމަނާފައިވެ އެވެ.

ޖުމުލަކޮށް ބަލާއިރު އަންނަ އަހަރު ސަބްސިޑީއަށް ހިމަނާފައިވާ އަދަދުތައް ވަނީ ބޮޑުތަނުން ކުޑަކޮށްފަ އެވެ. އެގޮތުން މި ހިނގާ އަހަރުގެ ބަޖެޓުގައި ސަބްސިޑީ، ވެލްފެއާ ހަރަދު އަދި ޓްރާންސްފާއަށް 4.7 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ 2.9 ބިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 އެމްޑަބްލިއުއެސްސީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފެނަކަ ދައުލަތުގެ ބަޖެޓް ސްޓެލްކޯ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ