ކާމިޔާބު ކޮންމެ މުޢައްސަސާއެއްގެ ފަހަތުގައި، އެތަނުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބުރަ މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ ހިއްސާ ބޮޑެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެރިން އިންޖިނިއަރިންގ ޑިޕާޓްމަންޓްގައި އެސިސްޓެންޓް ސާވިސް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހުސައިން ސިޔާންއަކީ މިފަދަ މުހިންމު ދައުރެއް އަދާކުރާ މުވައްޒަފެކެވެ. ސިޔާންގެ ވާހަކައަކީ އާއިލީ ވާރުތައާއި، ގައުމީ ޚިދުމަތްތެރިކަމަށް އޮތް ލޯބި، އޭނާ މިހާރު ކުރަމުންދާ ފަންނީ މަސައްކަތުގެ މަގަށް ގެނެސްދިން ގޮތުގެ ވާހަކައެކެވެ. އޭނާގެ ކެރިއަރުގެ މިސްރާބު ބަދަލުކޮށްލި ގޮތާއި، މެރިން އިންޖިނިއަރިންގގެ ދާއިރާގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކަކީ އެމްޕީއެލްގެ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޤައުމީ ހިދުމަތުން ފެށިގެން ކަނޑުގެ ދާއިރާގެ މާހިރަކަށް
އެމްޕީއެލްއާ ގުޅުމުގެ ކުރިން، ސިޔާންވަނީ އެމްއެންޑީއެފްގައި 11 އަހަރު ހިދުމަތްކޮށްފައެވެ. ސިފައިންގެ ހިދުމަތަކީ ވަރަށް ބޮޑު އަޚްލާޤީ އަދި ފަންނީ ތަރުބިއްޔަތެއް ލިބިގެންދާ ދާއިރާއެކެވެ. ސިފައިންގެ ހިދުމަތުގައި ސިޔާން ދަސްކުރި އެންމެ މުހިންމު އެއް ކަމަކީ ކެތްތެރިކަމާއި ސާބިތުކަމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހެވެ. މި ހުނަރުތަކަކީ އޭނާގެ ފަހުގެ ކެރިއަރުގައި ވަރަށް ބޮޑަށް ބޭނުންވި އަސާސީ ސިފަތަކެވެ.
ދިވެހި ސިފައިންގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު، ސިޔާން ވަނީ 2015 ވަނަ އަހަރު ކެރިއަރުގެ މިސްރާބު ބަދަލުކޮށްލައިފައެވެ. އެމްޕީއެލްގެ މެރިން ޑިޕާޓްމަންޓްގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމާއެކު، ސިޔާން ވަނީ އެމް.ޕީ.އެލްގެ ވަޒީފާއާ ގުޅިފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކަނޑު އުޅަނދު ފަހަރުގެ މެއިންޓެއިނަންސް މަސައްކަތަށް އޮތް ޝައުގުވެރިކަމެވެ. އޭނާގެ ހިތުގައި އުފެދިފައިވާ މި ޝައުގުވެރިކަމުގެ ސަބަބުން، އޭނާ ވަނީ މަސައްކަތުގެ މާހައުލުގައި ވަރަށް އަވަހަށް ކުރިއެރުން ހޯދާފައެވެ.
ކުރިއެރުމުގެ މަގު: ޓެކްނީޝަނުން އިންޖިނިއަރަށް
އެމްޕީއެލްގެ ޓެކްނީޝަނެއްގެ މަގާމުން ފެށިގެން އައިސް އެސިސްޓެންޓް ސަރވިސް އިންޖިނިއަރގެ މަގާމަށް ސިޔާން ކުރިއެރީ އޭނާގެ މަސައްކަތްތެރިކަމާއި، މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި، މަސައްކަތަށް އިހްލާސްތެރިވުމުގެ ނަތީޖާކަމަށް އޭނާ ގަބޫލުކުރެއެވެ. މި ކުރިއެރުމަކީ ހަމައެކަނި ވަޒީފާގެ މަގާމެއް ބަދަލުވުން ނޫނެވެ؛ އެއީ އޭނާގެ ފަންނީ ހުނަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުވުމުގެ ހެއްކެކެވެ. ސިޔާންގެ މިސާލަކީ، ހިތްވަރާއި މަސައްކަތްތެރިކަމުގެ ސަބަބުން ކޮންމެ ދާއިރާއަކުންވެސް ކުރިއެރުން ހޯދިދާނެކަމުގެ ދަލީލެކެވެ.
އުޅަނދުފަހަރުގެ އިންޖީނުގެ މައްސަލަތައް ހައްލުކޮށްދޭ މާހިރު
ސިޔާން ވަނީ މަސައްކަތުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ސްރީލަންކާގެ ޔޫޓީއީ ލަރނިންގ ސެންޓަރުން ހައިޑްރޯލިކް ސިސްޓަމްސް އަދި ކެޓް ސީ18 އިންޖިން އޯވަރހޯލް ކޯސްތަކާއި، އައިއެލްއޯ ސެޓިފައިޑް މެރިން ކޯސްތައް ހިމެނެއެވެ. މި ކޯސްތަކުން އޭނާގެ ޓެކްނިކަލް ހުނަރު ވަނީ ކުރިއަރައި، މެރިން އިންޖިނިއަރިންގގެ ދާއިރާގައި އިތުބާރު ހުރި މާހިރަކަށް ވެފައެވެ.
އެގޮތުން، ސިޔާންގެ ތަޖުރިބާގެ އެންމެ ބޮޑު ބައެއް ގުޅިފައިވަނީ ”ޔަމަހާ“ އައުޓްބޯޑް އިންޖީނުތަކާއެވެ. މިއީ ވަކި ޚާއްސަ ޓެކްނިކަލް ހުނަރާއި މެކޭނިކަލް ދާއިރާގެ ފަންނީ ތަޖުރިބާ ބޭނުންވާ ދާއިރާއެކެވެ. އެތައް އަހަރެއްގެ ތެރޭގައި، އޭނާ ވަނީ މި އިންޖީނުތަކުގެ މައްސަލަތައް ދެނެގަނެ، އެ އިންޖީނުތައް އަލުން ހިންގުމުގައި އެމްޕީއެލްގެ އެންމެ އިތުބާރު އެއް މާހިރަށްވެފައެވެ. އޭނާގެ ފުން ޓެކްނިކަލް މަޢުލޫމާތުގެ ސަބަބުން އެމްޕީއެލްގެ ދަތުރުފަތުރާއި ހިދުމަތުގެ އުޅަނދުފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ.

ޕައިލެޓް ބޯޓު 3 ގެ ވާހަކަ: އަމިއްލަ އުފެއްދުން
މިހާރު އެމް.ޕީ.އެލް ނޯޓިކަލް ސާރވިސްގެ އޮޕަރޭޝަންސްގައި ބޭނުންކުރަމުންދާ ޕައިލެޓު ބޯޓު 3 ގުޅިފައިވަނީ އެއީ އޭނާގެ އެންމެ ފަޚުރުވެރިވާ ކާމިޔާބީތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ބޯޓުގެ މަސައްކަތް ހާއްސަވަނީ ހަމައެކަނި އިންޖިނިއަރިންގގެ ސަބަބުން ނޫނެވެ. އެއީ އޭގެ ފަހަތުގައިވާ ޖޯޝާއި ފޯރީގެ ސަބަބުންނެވެ. ”އެ އުޅަނދަކީ އަޅުގަނޑުގެ ވަރަށް ބޮޑު ފަހުރެއް. އަޅުގަނޑު އެ އުޅަނދު ޑިޒައިންކޮށް، ފިޒިކަލީ މަސައްކަތްކޮށް، 4 މުވައްޒަފުން ގޮވައިގެން ލީޑްކޮށް އެ އުޅަނދު ބަދެ އޭތި އޮޕަރޭޝަންސްއަށް ނެރުނީ.“ ކަރުދާސް ގަނޑެއްގައި ކުރެހި ހިޔާލަކުން ފެށުނު މިމަސައްކަތް ނިންމާލީ ގައުމަށް ހިދުމަތްކުރާ އުޅަނދެއް އުފައްދައިގެންކަން، ފަހުރުވެރިކަމާއެކު ސިޔާން ހިއްސާކުރިއެވެ. މިއީ އެމް.ޕީ.އެލްއިން އަމިއްލައަށް ބަނދެ، ޚިދުމަތަށް ނެރުނު ފުރަތަމަ ޕައިލެޓް އުޅަނދެވެ. މިއީ އެމް.ޕީ.އެލްގެ 39 އަހަރުވީ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
ކުއްލި ހާލަތުގައިވެސް ޤައުމީ ޚިދުމަތުގައި
ސިޔާންގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވަގުތަކީ ކޮވިޑް-19 ގެ ލޮކްޑައުންގެ ތެރޭގައި އޭނާއާއި ގާތްގަނޑަކަށް 100 އެމްޕީއެލް މުވައްޒަފުން އެއް މަހަށްވުރެ ގިނަ ދުވަހު ބަނދަރުގައި ލޮކްޑައުންވެގެން ޚިދުމަތް ފޯރުކޮށްދިން ގޮތުގެ ވާހަކައެވެ. ”އެއީ ރޯދަ މަހެއް. އަޅުގަނޑުމެން މަސައްކަތް ކުރުމުގެ އިތުރުން، ކެއުމާއި، ރަމަޟާން މަހުގެ ކަންކަންވެސް ބަލަހައްޓަމުން ދިޔައީ އަމިއްލައަށް. އެ ދުވަސްވަރުވެސް އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނު. ކިތައްމެ ބުރަ މަސައްކަތެއް ކުރަން ޖެހުނަސް، އެ ހާލަތުގައި އަޅުގަނޑުމެންނަށް އިހުސާސް ކުރެވުނު ގައުމު އަޅުގަނޑުމެންގެ މައްޗަށް ބަރޯސާވެފައިވާކަން. އެހާލަތުގައި އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުންނައް އެދެވުނު ހިދުމަތް އަބަދުމެ ހަދާނުގައި ހުންނާނެ. އެއީ ވަރުގަދަ ގައުމީ ހަދާނެއް.“ ސިޔާން ބުންޏެވެ.
މަސައްކަތުގެ ނަތީޖާ
ސިޔާންގެ ހުނަރުވެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން އުޅަނދުފަހަރު މަރާމާތަށް ހުއްޓިފައި ހުންނަ ވަގުތު މަދުވެ، މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދެއެވެ. ކުޑަ ޕެޓްރޯލް އުޅަނދެއް ނުވަތަ ބޮޑު ޕައިލެޓް އުޅަނދެއް ކަމުގައިވިޔަސް، ސިޔާންގެ ހުނަރުވެރިކަމުން އެ އުޅަނދެއްގެ އިތުބާރާއި މަސައްކަތުގެ ފެންވަރު ކަށަވަރުކޮށްދެއެވެ. މިއީ ބަނދަރުގެ މަސައްކަތްތަކުގެ ހަލުވިކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
މުސްތަގުބަލަށް އޮތް ތަސައްވުރު
ސިޔާންގެ އެންމެ ބޮޑު ހުވަފެނަކީ ދިވެހިރާއްޖޭގެ ބަނދަރުތައް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބަނދަރުތަކާ އެއް ފެންވަރަށް ވާދަކުރެވޭ ގޮތަށް ތަރައްގީ ކުރުމެވެ. އޭނާގެ ތަސައްވުރުގައި ހިމެނެނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، ފުރިހަމައަށް ތައްޔާރުކުރެވިފައިވާ، އަދި ދިވެހި މާހިރުންގެ ހުނަރުން ހިންގާ ބަނދަރުތަކެކެވެ. އޭނާ ބުނި ގޮތުގައި، ”އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ވިޔަފާރި ބަނދަރު، ތަރައްގީވެފައިވާ ގައުމުތަކުގެ ބަނދަރުތަކާ އެއް ފެންވަރަށް ހިންގާ ތަން ދެކެން. އަދި އެ ބަދަލުވުން ގެނައުމުގައި އަޅުގަނޑު ބައިވެރިވާން ބޭނުން.“ އެވެ.
މީގެ އިތުރުން، ޒުވާން ދިވެހި ޖީލަށް، ޚާއްސަކޮށް އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ސިޔާން ދޭން ބޭނުންވާ މެސެޖަކީ، ރަނގަޅު އާމްދަނީއެއް ހޯދުމަށް އެންމެ އެކަށީގެންވާ މަސައްކަތަކީ ކަނޑާ ގުޅުންހުރި ދާއިރާއަކުން ކުރިއަށް ދިއުން ކަމެވެ. އޭނާ ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެއަކީ ކަނޑުގެ ނިސްބަތް ބޮޑު ގައުމަކަށް ވާތީ، ގިނަ ކަންތައްތަކެއް ގޮސް ހުއްޓެނީ ދަތުރުފަތުރަށެވެ. އެހެންކަމުން، ސިޔާން ދެކޭ ގޮތުގައި މިއީ ކުރިމަގު އޮތް، އަދި ވަޒީފާގެ ޑިމާންޑް ބޮޑު ދާއިރާއެކެވެ. އަދި މި ދާއިރާގައި ބައިވަރު ފުރުސަތުތައް ވެސް އެބަހުއްޓެވެ.

ޝުކުރުވެރިކަމާއި އިލްހާމު
ކޮންމެއަކަސް، އޭނާގެ ކުރިއެރުމާއި، ޕްރޮފެޝަނަލިޒަމްގެ ފަހަތުގައި ވަނީ ހިތްވަރާއި ޝުކުރުވެރިކަމެވެ. ”ހުނަރަކީ އިންސާނުންނަށް މާތް ﷲ ދެއްވާ އެއްޗެއް،“ ސިޔާން މަޑުމައިތިރިކަމާއެކު ބުންޏެވެެ. ”އަޅުގަނޑަށް މިފަދަ ހުނަރުވެރިކަމެއް ދެއްވިކަމަށްޓަކާ އެކަލާނގެޔަށް ހާސް ފަށުން ޝުކުރުވެރިވަން.“ ސިޔާންގެ މަސްއޫލިއްޔަތު އަދާކުރުމާއި ކުރިއަށްދިއުމުގެ ޖޯޝް އާލާކުރުމުގެ ކްރެޑިޓް މީހަކަށް ދޭ ނަމަ އޭނާ ދޭން ބޭނުންވަނީ އޭނާގެ މައިންބަފައިންނަށެވެ. އަދި ހަމެއެއާއެކު، އަނބިމީހާއަށް އޭނާގެ ދާއިމީ އެހީތެރިކަމަށްޓަކައި ސިޔާން ޝުކުރު އަދާކުރެއެވެ.
ކޮންމެ އިންޖީނެއްގެ ފަހަތުގައިވާ ހިތް
ސިޔާންގެ ދިރިއުޅުމުގެ ވާހަކައަކީ ހަމައެކަނި އިންޖިނިއަރިންގެ ދާއިރާގެ ވާހަކައެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ. އެއީ ގައުމީ ތަރައްގީ އާއި ކުރިއެރުމަށް ޒުވާނުން އިހުލާސްތެރިކަމާއެކު ކުރާ ހިދުމަތުގެ ރަމްޒެކެވެ. އޭނާގެ މި ދަތުރުން މި ދައްކުވައިދެނީ، ޝައުގުވެރިކަމާއި ހިތްވަރު ގަދަކަމާއެކު މަސައްކަތް ކުރުމުގެ ސަބަބުން، ކުޑަ މިންވަރަކުން ފެށިގެންވެސް ބޮޑެތި ކާމިޔާބީތައް ހާސިލު ކުރެވޭނެކަމެވެ. ހުސެއިން ސިޔާންގެ ވާހަކައިން އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިބިގެންދާނެކަމީ ޝައްކެއްނެތް ކަމެކެވެ.
ޔަމަހާގެ އައުޓްބޯޑް އިންޖީނުތައް މަރާމާތު ކުރުމުން ފެށިގެން، ބާރުގަދަ ޕައިލެޓް ބޯޓު 3 ގެ މަސައްކަތާ ހަމައަށް، ސިޔާންގެ މަސައްކަތުން ދައްކުވައިދެނީ އެމްޕީއެލްގެ ތެރޭގައި ހިމެނޭ ފަރުވާތެރިކަމާއި، އެކުގައި މަސައްކަތް ކުރުމުގެ ރޫހާއި، އަދި ކުރިއަށް ދިއުމަށް ހުރި ޖޯޝާއި ފޯރިއެވެ.
