މީހެއްގެ ގައިގާ ސައިކަލުންޖެހި މަރުވި އެކްސިޑެންޓް: ސައިކަލު ދުއްވި މީހާ ކުށްވެރިނުވާ ކަމަށް ހައިކޯޓުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

2010 ވަނަ އަހަރު، މަގު ހުރަސްކުރި މީހެއްގެ ގައިގާ ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ސައިކަލު ދުއްވި މީހާ ކުށްވެރި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

މި މައްސައިގައި ޝިމާޒް އަހުމަދުގެ މައްޗަށް ކޮށްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާ އެވެ.

ޝިމާޒް އަހުމަދުގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ 2010 މާޗް 2 ވަނަ ދުވަހުގެ 21:15 އެހައިކަންހާއިރު މީނާ ސައިކަލެއްގައި ބުރުޒުމަގުން ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރަމުންދިޔަ ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާ ކުރަމުންދަނިކޮށް އަންހެނަކު ނިޔާވެފައިވާ މައްސަލައިގަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކޮށްފައިވަނީ ޝިމާޒް އަހުމަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ. އެގޮތުން ހައިކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފަނޑިޔާރުން ވިދާޅުވެފައިވަނީ، މި މައްސަލައިގައި އެކްސިޑެންޓްވި އަދި މަގު ހުރަސްކުރި ފަރާތްތަކުން މަގު ހުރަސްކޮށްފައިވަނީ އެކަމަށް ހާއްސަކުރެވިފައިވާ ތަނުން ނޫން ކަމަށެވެ.

އެކްސިޑެންޓް ހިނގި ވަގުތަކީ އެ ސަރަހައްދުގައި ގިނަ ވެހިކަލްތަކެއް ދުއްވަމުންދިޔަ ވަގުތެއް ކަމަށާއި، އެކްސިޑެންޓް ހިނގި ވަގުތު މި މައްސަލައިގައި ނިޔާވި ފަރާތް ހުރިކަމަށް ފެންނަނީ، ބުރުޒުމަގުން އެއްކޮޅަށް ދުއްވާފައި އަންނާނެ މީހަކަށް ނުފެނިދާނެ ގޮތަކަށް އެތަނުން ދަތުރުކުރި ކާރުން ނިވާވެފައި ހުންނާނެ ގޮތަކަށް ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ. އެހެންކަމުން މަޑުމަޑުން ދުއްވާފައި ދިޔަނަމަވެސް، ކާރުގެ ނިވަލުގައި ހުރި މީހަކު އެހިސާބަށް އަރާހަމަވާފަހުން ފެންނަ ހާލަތުގައި އެ މީހެއްގެ ގައިގައި ސައިކަލުން ކޮންމެވެސް މިންވަރަކަށް ޖެހުމަކީ އެކަށީގެންވާ ކަމެއްކަން ދެނެގަނެވޭކަންވެސް ފާހަގަކޮށްފައިވެ އެވެ.

ބާރު ސްޕީޑުގައި ސައިކަލެއް ދުއްވަމުންގޮސް މީހެއްގެ ގައިގައި ޖެހުމުން، އެ ސައިކަލުން ޖެހުނުތަން ނޫފައިގަނެފައި ނުވަތަ އެނޫންވެސް ގޮތަކަށް ފާހަގަވާން ހުރެދާނެކަމަށް ބެލެވޭއިރު އެފަދަ ނިޝާނެއްވެސް ހުރިކަމެއް މެޑިކޯ ލީގަލް ރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ. އަދި ނިޔާވިފަރާތް ވެއްޓުނީ ސައިކަލުން ޖެހިގެންތޯ ނުވަތަ ސައިކަލު އަންނަތަން ފެނި ޖެހިދާނެކަމަށް ބިރުން ސިއްސައިގެން ގޮސްތޯ ނުވަތަ އެ ނޫންވެސް އެހެން ހާލަތެއް މެދުވެރިވެގެންތޯ، މިއިން އެއްވެސް ކަމެއް މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ހެކިންގެ ހެކިބަހުންވެސް ދެނެނުގަނެވޭ ކަމަށް ހައިކޯޓުން ފާހަގަަކޮށްފައިވެ އެވެ.

ޑޮކްޓަރުންގެ ހެކިބަހުގައި ބުނެފައިވަނީ، މި މައްސަލައިގައި ނިޔާވި ފަރާތަކުގެ ބޮލުގެ ފުއްކިބައިގައި ކަނދުރާމަތީގައި ވަރަށް ތިލައިގައި ނާރު ހުންނަ ތަނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ކިތަންމެ މަޑުން ވެއްޓި ޖެހުނުނަމަވެސް އެ ތަން ޖެހިއްޖެނަމަ އެފަދަ އަނިޔާއެއް ވެދާނެކަންވެސް ޑޮކްޓަރުންގެ ބަހުން އެނގޭކަން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އަންހެން މީހާ ނިޔާވެފައިވަނީ އެކްސިޑެންޓްގެ ސަބަބުން ދިމާވި ހާލަތަކުން ނުވަތަ އެކްސިޑެންޓާއި ގުޅިގެން ކަމުގައި ވީނަމަވެސް، އެކަން ދިމާވުމުގައި ޝިމާޒް ދުއްވަމުން އައި ސަައިކަލު ދުއްވާފައިވަނީ ނުރައްކާތެރިކޮށްކަން ނުވަތަ ފަރުވާކުޑަކޮށްކަން އެންމެހާ ހެކިންގެ ހެކިބަސް އެކުގައި ޖުމްލަކޮށް ބެލުމުންވެސް އެނގެން ނެތްކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ޝިމާޒްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފަަ އެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.

ހައި ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ