ބަޖެޓް 2026: އާ ޓާމިނަލުން އަންނަ އަހަރު 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވުމާއެކު، ޖުމްލަ 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އާ ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އަންނަ އަހަރަކީ މިއަހަރު ހުޅުވުނު ޓާމިނަލްގެ ފުރިހަމަ ފައިދާ ފެންނަން ފަށާނެ އަހަރެއްކަމަށާއި އޭގެ ސަބަބުން ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ކުރިއެރުމުގެ ސަބަބުން ޓޫރިޒަމާ ގުޅުންހުރި މުހިންމު ޓެކުސްތަކާއި ފީތައް ކަމަށްވާ ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް އަންދާޒާކުރެވެ އެވެ. ހާއްސަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވުމާއެކު އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނިގެންދާނެ އެވެ. އެގޮތުން، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެ އަހަރުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކްސް ތަންފީޒުކުރުމަށް އަމާޒުކޮށް ޓެކުހާބެހޭ ޤާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް މި ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީއަށް އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމެއްކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ބަޖެޓް 2026 ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ