އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި މިހާތަނަށް ވޯޓުލާފައިވަނީ %7.26 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލުހޯދުމަށް ނަގާ ވޯޓުގައި، ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 10 ޖެހުމާއި ހަމައަށް ވޯޓުލާފައިވަނީ 695 މީހުން ކަމަށެވެ. އެއީ 284 އަންހެނުންނާއި 411 ފިރިހެނުންނެވެ. މިއީ ވޯޓުލެވޭ އާބާދީގެ %7.26 މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދީފައިވާގޮތުގައި، މި އާންމު ވޯޓުގައި ފޭދޫގެ 4،355 މީހުންނަށާއި، މީދޫގެ 2،347 މީހުންނަށާއި، އަދި ހުޅުދޫގެ 2،874 މީހަކަށް، ވޯޓުލުމުގެ ހައްޤު ލިބިފައިވެ އެވެ.
މި އާންމު ވޯޓުގައި ޖުމުލަ 18 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާފައިވަނީ، ކަލާފާނު ސްކޫލްގަ އެވެ.
ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް:
ހުޅުދޫގެ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް
- އައްޑުއަތޮޅު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
މީދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލުތައް
- އައްޑުއަތޮޅު މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ފޭދޫ ރައްޔިތުންނަށް ހުށަހަޅާ ސުވާލު
- އައްޑުއަތޮޅު ފޭދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑޫ ސިޓީ އައްޑޫ ސިޓީ ކައުންސިލް އިލެކްޝަންސް ކޮމިޝަން (އީސީ)
