ރާއްޖޭގެ ފުޓުބޯޅަ ވަރުގަދަކޮށް، ކުރިއެރުވުމަށް ރައީސްއާ ފީފީގެ ރައީސް މަޝްވަރާކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯޅަ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި، ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ރައީސް އިންފަންޓީނޯއަށް ރާއްޖެއަށް މަރުޙަބާ ވިދާޅުވެ، މި ޒިޔާރަތަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ މަޤްބޫލު ކުޅިވަރުގެ އިތުރުން، ރައްޔިތުން ގުޅުވައިދޭ މުހިންމު ބާރެއްކަން ފާހަގަކުރައްވާފަ އެވެ. އަދި، ރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު ކޮމިޓްމެންޓެއް ދެއްވާކަން ޔަޤީންކޮށްދެއްވި އެވެ. އެގޮތުން، މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ބޮޑެތި އުމްރާނީ މަޝްރޫޢުތަކެއް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ފީފާގެ ރައީސް، ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުން

މީގެ އިތުރުން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި އެ ޖަމްޢިއްޔާގެ އާ ލީޑަރޝިޕްގެ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

އިންފަންޓީނޯ ދެއްވީ ފީފާގެ އެއްބާރުލުން ދެމިއޮންނާނެކަމުގެ ޔަޤީންކަން

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ފުޓުބޯޅައަށް ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުވައިލެއްވުމަށްފަހު، މިހާރު ކުރިއަށްދާ މަސައްކަތްތަކާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ ލީޑަރޝިޕްގެ މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފަ އެވެ. އަދި، ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ކުރިއަށްގެންދިއުމަށް ފީފާގެ އެއްބާރުލުން އަބަދުވެސް ދެމިގެންދާނެކަމަށް އިންފަންޓީނޯ ވައުދުވެވަޑައިގެންފަ އެވެ.

އިންފަންޓީނޯ ވަނީ ޒުވާން ކުޅުންތެރިން ބިނާކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ މަސްރަޙުގައި ވިދާލެވޭނެ ކަމަށެވެ. އަދި، އެއީ ހަމައެކަނި ރާއްޖެ ރީތިކަމުގެ ސަބަބުން އެކަންޏެއް ނޫން، ފުޓްބޯޅައިގެ ކާމިޔާބީތަކުގެ ސަބަބުންވެސް ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޝަރަފު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފީފާގެ ރައީސް، ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުން

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ވަރުގަދަކުރުމަށާއި، އެފް.އޭ.އެމްގެ ކުރިއެރުމަށް އެއްބާރުލުން ދިނުމަށް ދެފަރާތުންވެފައިވާ ކަށަވަރުކަން އަލުން ބާރުގެނައުމަށް ފަހުގަ އެވެ. އަދި، މުސްތަޤްބަލުގައި މި ދެބޭފުޅުން ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ދޮރުތައް ހޯދުމަށްވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

19 އަހަރަށްފަހު ފީފާގެ ރައީސްއަކު ރާއްޖެ ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އޭނާ ވަޑައިގެންނެވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފަަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފްއޭއެމް ފީފާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ