ފަލަސްތީނު މިނިވަންވަންދެން، ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރާއްޖޭގެ ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަނަދޯލު ނޫސް އޭޖެންސީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.
އިންޓަވިއުގައި ރައީސް މުޢިއްޒު ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި، މިކަމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަށީގެންވާ ފިޔަވަޅު ނޭޅުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ހުރިހާ ޤައުމުތަކަށް ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭނެކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއިން ވަނީ އިސްރާއީލް ޕާސްޕޯޓް ހޯލްޑަރުންނަށް ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ. އަދި އައިސީޖޭގައި އިސްރާއީލާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގައި ބައިވެރިވެފައިވާކަމަށް ވިދާޅުވި އެވެ. މީގެއިތުރުން، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ އޭގެ ވެރިރަށްކަމުގައި ހަދައިގެން، މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ގޮވާލުން ކުރިއަށް ގެންދާނެކަމަށްވެސް ވިދާޅުވި އެވެ.
”ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކުރާ ބަސްތަކުގެ ފަހަނައަޅާ ގޮސް، ބައިނަލްއަޤްވާމީ ޤާނޫނު ތަފާތުކުރުމެއްނެތި ތަންފީޒުކުރަންޖެހޭ ކަމަށް ރާއްޖެއިން ޤަބޫލުކުރަމޭ. އިސްތިސްނާއެއް އޮވެގެން ނުވާނެ،” ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އދ އާއި ބައިނަލްއަޤްވާމީ ކޯޓުތައްފަދަ މުއައްސަސާތައް ބަލިކަށިވަނީ އޭގެ ޒާތުގައެއް ނޫނެވެ. ނަމަވެސް އެތަންތަން ރަނގަޅަށް މަސައްކަތް ނުކުރެވޭގޮތަށް ބާރުގަދަ ޤައުމުތަކުން ހުރަސްއެޅުމުންނެވެ. އަދި ލީޑަރޝިޕް ޓެސްޓުކުރެވެނީ މިފަދަ ވަގުތުތަކުގައި – އަޚްލާޤީ ސާފުކަން އިޤްތިޞާދީ ނުވަތަ ސިޔާސީ ފަސޭހައާ ފުށުއަރާ ހިނދުކަމަށްވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން