ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ’މިހާރު‘ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އާ ޓާމިނަލް އަންނަ މަހުގެ 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލެވޭނެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ކުރިން ވެސް މިމަހު އެތަން ބޭނުންކުރަން ފަށާނެ ކަމަށް ޝަރީފް ހާމަކުރެއްވި އެވެ. މިގޮތަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ އާ ރަންވޭ ފުރިހަމައަށް ބޭނުންކުރުމަށްޓަކައި މިހާރު ބޭނުންކުރާ ޓާމިނަލް ތަޅާލަން ޖެހޭތީ އެވެ. އެހެންކަމުން، އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށް، ކުރީގެ ޓާމިނަލް ތަޅާލުމުގެ މަސައްކަތް ފެށޭނެ އެވެ.
އިންޑިއާގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ މި މަޝްރޫއަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލެއް އަދި އާ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ހިމެނެ އެވެ. މީގެ އިތުރުން ކާގޯ އިމާރާތަކާއި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ މި މަޝްރޫ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ މިންވަރަށް ތަރައްގީކޮށްފައިވާ ރަންވޭގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ޚަރަދުކުރެވޭނެ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުމަށް އެމްއޭސީއެލްއިން މިދިޔަ އާދީއްތަ ދުވަހު ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް


