ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ދޭ ރެޓީނާ ލޭޒާ ޓްރީޓްމަންޓް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަށައިފި އެވެ.
މިކަން ހާމަކޮށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މި ހިދުމަތް އެ ހޮސްޕިޓަލުން ދޭން ފެށުމަކީ ނުހަނު އުފާވާ ކަމެއް ކަމަށެވެ.
”މި ޚިދުމަތް ރާއްޖެ އިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު މިވަނީ ފަހިވެގެން ގޮސްފަ. މިފުރުސަތުގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވަން.“ ހަލީމް ވިދާޅުވިއެވެ.
ރެޓީނާ ލޭޒާ ޓްރީޓްމަންޓް އަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ހާއްސަ ފަރުވާއެކެވެ. ދުވަސް ނުފުރާ ވިހާ ކުދިން ކަމަށް ބަލަނީ 37 ހަފުތާއަށް ވުރެ ކުރިން ވިހެއުމުންނެވެ.
އައިޖީއެމްއެޗްގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.