ތ. ތިމަރަފުށީގައި ސަރުކާރުން ގާއިމްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތަކަށް ފަހު ފުރުސަތެއް ދީފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ސަރުކާރުން ގާއިމްކުރި 100 ހައުސިން ޔުނިޓުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވެއެވެ.
މި ފަހު ފުރުސަތުގައި، މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މިނިސްޓްރީގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މިނިސްޓްރީން ވަނީ މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ދެވޭ އެންމެ ފަހުގެ ފުރުސަތު ކަމުގައި ސާފުކޮށް ބަޔާންކޮށްފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީން ކަމާގުޅޭ ފަރާތްތަކަށް ގުޅާނެ ކަމަށް ބުނެފައިވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް socialhousingprograms@infrastructure.gov.mv އަށް މެއިލް ކުރެވޭނެ ކަމަށްވެސް އަންގާފައިވެއެވެ.
ތިމަރަފުށީގައި ގާއިމްކުރި 100 ހައުސިން ޔުނިޓުގެ މަޝްރޫއަކީ 2020 ވަނަ އަހަރު ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއަށް 83 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ބަދިގެ އަދި ސިޓިންގރޫމް ހިމެނެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ތ. ތިމަރަފުށި
