ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮޅުމަޑުލު ގާދިއްފުއްޓަށް ވަޑައިގެން، އެރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ ތެރޭގައި ފެށިގެންދިޔަ މަޝްރޫޢުތަކަކީ ގާދިއްފުށީގެ ތަރައްޤީއަށް ނުހަނު މުހިންމު މަޝްރޫޢުތަކެކެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ގާދިއްފުށީ ބިންހިއްކުމުގެ މަޝްރޫޢުގައި ސޮއިކުރެވުނެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ހުއްޓިފައިވާ ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފެށިގެންދާނެ ކަމަށާއި، ޞިއްޙީ މަރުކަޒު، ބަނދަރު އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ފުޓްސަލް ދަނޑު އަޕްގްރޭޑް ކުރުމާއި އައުޓްޑޯ ޖިމް ގާއިމުކުރުން ހިމެނޭނެ ކަމަށާއި، ޗައިނާގެ ހިލޭ އެހީގެ ދަށުން ކައުންސިލް އިދާރާ އިމާރާތްކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ނެރުގެ މައްސަލައާއި، އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށާއި، ހައުސިންގ މަޝްރޫޢެއް ހިންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.