ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް މިއަދު ހެކްކޮށްފި އެވެ.
މި ޗެނަލްއަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ހަރަކާތްތަކުގެ ވީޑިއޯ އާންމުކުރަމުން އައި ޗެނަލެވެ. މި ޗެނަލްގައި ކުރީގެ ރައީސުންގެ އެތަށް ޖަލްސާތަކަކާއި އިވެންޓްތަކެއްގެ ވީޑިއޯ ހުއްޓެވެ.
މި ޗެނަލް ހެކްކުރުމާ ގުޅިގެން، ޗެނަލްގެ ލިންކަށް ދިޔުމުން ފުރަތަމަ ފެނުނީ ޔޫޓިއުބްގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވެގެން ޗެނަލް ރިމޫވްކޮށްލި ކަމަށް ބުނާ މެސެޖެކެވެ. ނަމަވެސް މިހާރު ފެންނަނީ ޕޭޖް ނެތް ކަމަށް ދައްކުވައިދޭ މެސެޖެކެވެ. ޔޫޓިއުބް އެކައުންޓް ހެކް ކުރުމަށް ފަހު އެ އެކައުންޓަށް ވީޑިއޯއެއްވެސް ލާފައިވާކަން ބައެއް ސްކްރީންޝޮޓްތަކުން އެނގެ އެވެ. ޔޫޓިއުބްގެ ގައިޑްލައިންއާ ހިލާފުވީ މި ވީޑިއޯގެ ސަބަބުންކަމަށް ބެލެވެ އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި އެންމެ ފަހުން ޝާއިޢުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަގުތު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގެ ވީޑިއޯތަކެވެ.
މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުން އަދި އެއްވެސް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްއަކީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި މުހިންމު ވަސީލަތެކެވެ.