ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ހުރިހާ އަތޮޅަކަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުށީ ރައްޔިތުުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތަކީ ހުރިހާ އަތޮޅަކަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ހިދުމަތެއް ކަމަށެވެ. ކުރިން މަސައްކަތްކުރެއްވީ ޑިސެމްބަރަށް މި މަސައްކަތް ނިންމުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައެއް ޑިލޭސްތައް މި ކަމުގައި ހުރި ކަމަށެވެ.
”އަޅުގަނޑުމެންގެ މަސައްކަތް މިހާރު ތާވަލު ކުރެވިފައި އޮތް ގޮތުން ހަމަ ހުރިހާ އަތޮޅެއް ކަވަރުކުރެވޭނެ ގާތްގަނޑަކަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި.“ ރައީސް ވިދާޅުވި އެވެ.
މ. އަތޮޅުގައި މި ހިދުމަތް އެންމެ ލަސްވެގެން މިއަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގައި ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި ހިދުމަތުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވި އެވެ.
ކޮޅުފުށީ ހައުސިިން ޔުނިޓުތަކަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓުތަކުގެ އަގަކީ ކުރިން 5000 ރުފިޔާ ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ. ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުގެ ތެރެއިން އަޅައިދީފައި ހުރި ހައުސިން ޔުނިޓުތަކުގެ އަގު ކުޑަކުރުމަކީ ވައުދުފުޅެއްކަން ފާހަގަކުރެއްވި އެވެ.
”ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ތެރެއިން އަޅައިދީފައި ހުރި ތަންތަނުން އަގު ކުޑަކުރަން ކެބިނެޓުގެ ނިންމުމެއް އޮންނާނެ، އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި ތަންފީޒު ކުރަން ފަށާފައި އޮތް އެ ސިޔާސަތުގެ ދަށުން މި ރަށުގައިވެސް ފަސްހާސް ރުފިޔާއަށް ކަނޑައަޅާފައި އޮތް އަގު މިހާރު ވާނީ ކުޑަކޮށްފައި ތިން ހާސް ތިން ސަތޭކަ ތިރީސް ރުފިޔާއަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިއަދު ކޮޅުފުއްޓަށް ވަޑައިގެންވަނީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުއާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ.