މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2025 ވަނަ އަހަރުގެ އޯގަސްޓް މަހު މުދާ ކްލިއަރ ކުރެވުނު އަދަދު، ޖުލައި މަހާ އަޅާބަލާއިރު 5 އިންސައްތަ އިތުރުވެއްޖެ އެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހު 6،320 ޓީ.އީ.ޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއަރ ކުރެވުނުއިރު، އޯގަސްޓް މަހު ވަނީ 6،663 ޓީ.އީ.ޔޫސް ކްލިއަރކޮށްފަ އެވެ. އޯގަސްޓް މަހު ކްލިއަރކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެ އެވެ.
މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ޚިދުމަތް ހޯދާފައިވަނީ 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓެވެ. އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން އެންމެ ގިނައިން ކްލިއަރކުރެވިފައިވަނީ 71،037 ކޭސް ބިހެވެ.
އެހެނިހެން ޕެރިޝަބަލް މުދަލުގެ ތެރޭގައި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި، 16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް، 10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ހިމެނެ އެވެ.
މި ތަފާސް ހިސާބުތަކުން ހާމަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ ބަނދަރުން އަދާކުރާ މުހިންމު ދައުރާއި، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަންކަމަށް އެމްޕީއެލްއިން ބުނެ އެވެ.