މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށްޖެހުމަށް ވަރަށް އިސްކަންދެން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން ބޮޑު އިސްކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މ. މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގުމަށް ރާވާފައިވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ. މިއީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، މިރޭ ސޮއިކުރެވުނު 30 ޓަނުގެ އައިސްޕްލާންޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢާއި، ޖެނުވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވަޅުޖެހިފައި އޮތް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް، މަސްވެރިންނަށް ފައިސާ ދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށް، އިތުރު ވަސީލަތްތައް ގާއިމުކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، މި އަހަރު ތެރޭގައި 50 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމާއި، ބަނދަރުގެ މަސައްކަތް އަވަސް ދުވެއްޔެއްގައި ނިންމުމާއި، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުން ހިމެނޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން، މާދަމާއިން ފެށިގެން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތަކީ ސަރަޙައްދީ ފެންވަރެއްގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި މަގުހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު 4 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ކުރިން އިރުމަތީ ޖެޓީގެ މަސައްކަތް ފެށުމާއި، އާ ދިރާސީ އަހަރަށް ސްކޫލްގެ މަސައްކަތް ނިންމުމަށް ރޭވިފައިވާކަމަށާއި 14 އަހަރުވެފައިވާ ފުލުހުންގެ ވެހިކަލްގެ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު ހައްލު ގެނެސްދެއްވާނެކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. މުލަކު މަސްވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ