ޤައުމީ ޚިދުމަތަށް ނުކުތް ޒުވާނުންނަށް ރައީސް މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސްގެ ފުރަތަމަ ބުރުގެ ތަމްރީނަށް މިއަދު ފުރި 343 ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1،242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސްގައި ހޮވުނު 343 ޒުވާނުން މިއަދު ވަނީ ތަމްރީނަށް ފުރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫޙާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ އަމާޒުތަކުގެ ތެރޭގައި ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުމާއި، ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ތައްޔާރުކުރުން ހިމެނެއެވެ.

ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނު ޕްރޮގްރާމު ކުރިއަށްދާނީ ޅ. މާފިލާފުށީގައި ކަމަށާއި، ތަމްރީނު ޕްރޮގްރާމު ދެމިގެންދާނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ތަމްރީނަށް ބައިވެރިން ފުރަނީ / ފޮޓޯ: އެމްއެންޑީއެފް

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭ 1 ވަނަ ދުވަހުން ޖޫން 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ކަމަށެވެ. މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

މި ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި، ”ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ސިފައިންގެ އަދި ފުލުހުންގެ ޚިދުމަތަށް 250 އާއި 1،000 މީހުން ރެކްރޫޓު ކުރެވޭނެ“ ކަމަށް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ