މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ލިބިފައިވާ ކަަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 73 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %11 އިތުރު އަދަދެކެވެ. އޮގަސްޓު މަހު މުދަލު ޒަކާތުގެގޮތުގައި 8.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓުމަހު ލިބުނީ 7.4 މިލިޔަން ރުފިޔާ އެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރ އެވެ. މީގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 ރުފިޔާގަ އެވެ.
ރާއްޖޭގެ މުދަލު ޒަކާތުގެ ނިސާބު ހިސާބުކުރަނީ ބާޒާރުގައި ހުންނަ ރިހީގެ އަގަށް ބަލާފަ އެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެ އެވެ.
ރިހީގެ އަގު ކަނޑައަޅަނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެވެ.