ގްލޯބަލް ގަވަރނަންސް އިނީޝިއޭޓިވް (ޖީސީއައި) އަށް ރާއްޖެއިން ތާއީދު ކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވުނު ”އެސްސީއޯ ޕްލަސް“ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގްލޯބަލް ގަވަނެންސް އިނީޝިއޭޓިވްގެ މައިގަނޑު މަގުސަދަކީ އިންސާނުންނަށް އެކަށީގެންވާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި މިހާރަށް ވުރެ އިންސާފުވެރި އަދި ބުއްދި ގަބޫލު ކުރެވޭފަދަ ގްލޯބަލް ގަވަނެންސް ސިސްޓަމެއް ކުރިއެރުވުމެވެ.
ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކެރިފޯރުންތެރި އަދި ކުރިމަގަށް ވިސްނާ ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، ޗައިނާއާއެކު އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން ވެފައިވާ ވަޢުދުތަކާއި، ”މޯލްޑިވްސް 2.0“ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.
ފަލަސްޠީނު ރައްޔިތުންނަށް ދިވެހިރާއްޖެއިން ދެމުންގެންދާ ފުރިހަމަ ތާއީދު އަލުން ހާމަކުރައްވައި، އެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވުމަށްވެސް ރައީސް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ވާހަކަފުޅުގައި، އެސްސީއޯގެ މަސައްކަތްތަކުގެ ތެރެއިން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ސުލްޙަ، ހަމަޖެހުން އަދި ކުރިއެރުން ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ތަރައްޤީ އަދި ވެރިކަން ހިންގުމުގެ ނިޒާމު އާ ގޮތަކަށް ބައްޓަންކުރުމަށް ރައީސް ޝީ ހުށަހަޅުއްވާފައިވާ ގްލޯބަލް ގަވަރނަންސް އިނީޝިއޭޓިވް (ޖީސީއައި) ތަޢާރަފުކުރެއްވި އެވެ.
”އެސްސީއޯ ޕްލަސް“ ބައްދަލުވުމަކީ އެސްސީއޯގެ މެމްބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް އެއްކޮށް، ސަލާމަތީ، އިޤްތިޞާދީ އެކުވެރިކަން އަދި ބައިނަލްއަޤްވާމީ ވެރިކަން ހިންގުމުގެ ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ