ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށް ވިދާޅުވެ، މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، ”އޭލެވެލް ފީ ކަނޑާލުމަކީ މާލީ ބުރައެއް، އަވަސް އަރުވާލައިގެން ދަރިވަރުންގެ ކުރި މަރާލަނީ ދިރާސާ ނުކޮށް: އިހުސާން“ މި ސުރުހީގެ ދަށުން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ. މި ޚަބަރާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ، އެއީ ”ވާނުވާ ނޭނގި ލިޔެފައިވާ ސިޔާސީ ނޫސް އާޓިކަލެއް“ ކަމަށެވެ.
މިނިސްޓަރ ޝަފީއު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ލިބިފައިވާ ކަމަށާއި، އަމިއްލަ ގޮތުން ޕްރައިވެޓް ސްކޫލަކަށް ދާން ޚިޔާރުކުރާ ދަރިވަރުންގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، އެފަދަ ގޮތަކަށް ކަންތައް ކުރާނަމަ، ގްރޭޑް 1 އިން ފެށިގެން 10 އަށް ޕްރައިވެޓް ސްކޫލްތަކަށް ދާ ދަރިވަރުންނަށްވެސް ފީ ދައްކަންޖެހޭނެ ކަމަށާއި، މީގެ ސަބަބުން އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލުން ޖާގަ ނުލިބޭ ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ފީ ދައްކާނެ ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން ނިންމާފައިވަނީ މި އަހަރުން ފެށިގެން، ޕްރައިވެޓް ސުކޫލްތަކުގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދެމުން އައި ފީ ކަނޑާލުމަށެވެ. ސަބަބެއްކަމަށް ސަރުކާރުން ބުނެފައިވަނީ އޭލެވެލް ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޖާގަ ސަރުކާރުގެ ސުކޫލުތަކުން ހަމަޖެހިފައިވާތީ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ސީއެޗްއެސްސީގެ ދެ ސުކޫލް ހުންނަކަން ސަރުކާރުން ފާހަގަކުރެ އެވެ. އެއާއެކު ކުރިން އެންމެ ސުކޫލެއް އިނުމުން ދިމާވަމުން އަންނަ ޖާގައިގެ މައްސަލަ ހައްލުވެފައިވާކަން ސަރުކާރުން ބުނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ކޮންމެ އަހަރަކުވެސް އޭލެވެލް ކިޔަވާ ކުދިންގެ ތެރެއިން ޕްރައިވެޓް ސްކޫލްތަކަށްދާ ދަރިވަރުންނަށް ސަރުކާރުން އައި ފީ ދައްކައިދެމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން
