މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އަޑު އުފުލަން ތިބި 4 ނޫސްވެރިއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވާ 4 ނޫސްވެރިންނަކީ އަދަދުގެ 2 ނޫސްވެރިންކަމަށްވާ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާންގެ އިތުރުން ދައުރުގެ މުހައްމަދު މުޒައްޔިން އަދި ސިޓިޒަންގެ މޫސާ ރަޝީދު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި 4 ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ރައީސް އޮފިސް ސަރަހައްދުންނެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހަށް ހުށަހެޅުމުން ވަރަށް ގިނަ ނޫސްވެރިން ވަނީ އެ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފަ އެވެ. އަދި ވަރަށް ގިނަ ނޫސްވެރިން ވަނީ އެ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިވެސްކޮށްފަ އެވެ.
މި ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ މަޖިލިސް ކައިރިއަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހި އިރުވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ނޫސްވެރިން ތިއްބެވެ.
ނޫސްވެރިން ރައީސް އޮފީސް ސަރަހައްދަށް ގޮސްފައިވަނީ މަޖިލިސް ޖަލްސާ ނިމުމުންނެވެ.
ނޫސްވެރިކަން ރައީސް އޮފީސް ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)