އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. މަތިވެރި ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލާ އިސްލާހު ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލިސް ޗުއްޓީ ނިމި ދެން އޮތް ދައުރު ފެށުމުން ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމެނޭ ބޭކާރު ފަށަލައެއް. އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ދެން މަސައްކަތްކުރާނީ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ސީދާ ގުޅިގެން
ސަރުކާރުގެ މި ނިންމެވުމާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން އަތޮޅު ކައުންސިލްތަކަށް ވޯޓުލާން ނުޖެހޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި މި ބަދަލާއެކު ކައުންސިލްތަކުގެ ސައިޒު ކުޑަކުރެވި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ދިމާވާ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމި ނަމަވެސް ސިޓީ ކައުންސިލްތަކުގެ ނިޒާމު މިހާރު އޮތްގޮތަށް ދެމެހެއްޓުމަށް ވަނީ ނިންމަވާފަ އެވެ. އަދި ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، ހަމައެކަނި އެދިވަޑައިގަންނަވަނީ ޒިންމާދާރު، ދެފުށް ފެންނަ އަދި ޖަވާބުދާރީވާންޖެހޭ ނިޒާމެއް ގާއިމުކުރުން ކަމުގައި ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މި މަހުގެ ތެރޭގައި ތަސްދީގު ކުރައްވާފަ އެވެ. މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް މި އިސްލާހުގައި ހިމެނިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް އއ. މަތިވެރި ލާމަރުކަޒީ ނިޒާމް