ދާދިފަހުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން ބަދަލުކޮށް އުފެއްދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ވަނީ ގަވަނިން ބޯޑެއްގެ ދަށުން ހިނގަމުން އައި އީޕީއޭ، އެންވަޔަރަމަންޓް އެންޑް ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ސެކްޝަނަކަށް ބަދަލުކޮށްފައެވެ. މި ބަދަލާ ގުޅިގެން އެ އިދާރާގެ ނަން ވަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށްފައެވެ.
ގެނެވުނު ބަދަލާއެކު، އެތަނުގެ އެންމެ އިސްވެރިޔަކީ ސީފް އެގްޒެކެޓިވް އޮފިސަރކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ. އަދި އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ ސިވިލް ސަރވިސްގެ މަޤާމެއްގެ ގޮތުގައި އައްޔަންކުރާ ޗީފް އެޑްމިނިސްޓޭޓަރ އެވެ.
އެ މަޤާމަށް ފަރާތެއް އައްޔަންކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުޅުވާލާފައިވާއިރު މި މަގާމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20,500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭނެއެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު މި މަހުގެ 26 އަދި 27 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީޕީއޭގެ މިހާރުގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމްގެ މަގާމު، އާ އޮނިގަނޑުގެ ދަށުން ޗީފް އެޑްމިނިސްޓްރޭޓަރަކު އައްޔަންކުރުމާއެކު ގެއްލޭނެކަން ފާހަގަކުރެވެއެވެ.
އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)



