ށ. މިލަންދޫ ފަރަށް އުރުނު ޓަގު ބޯޓުގެ ވެރިފަރާތް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އޭއާރްއޭ) އިން 12,006,200 (ބާރަ މިލިޔަން ހަހާސް ދުއިސައްތަ) ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އޭއާރްއޭ އިން ގެޒެޓްގައި ޝާއިރުކުރި ނޫސްބަޔާނެއްގައިވާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ފަރަށް އެރި މި ބޯޓަކީ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ ”ޝްވޭ ލިން ޔޯން“ (އައި އެމް އޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ. މި ބޯޓު ދިވެހިރާއްޖެ އައިސްފައިވަނީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުންނެވެ. މި އުޅަނދުގެ ވެރިފަރާތަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް އެވެ.
އެ އުޅަނދު ފަރުމަތިން ފުންކޮށް ނަގާފައިވަނީ 19 އޮކްޓޫބަރު 2024 ގަ އެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލުމަށްޓަކައި 7 އަދި 8 ނޮވެންބަރު 2024 ގައި އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު އެ ސަރަޙައްދުގައި ޖޮއިންޓް ސަރވޭއެއް ވަނީ ކުރެވިފަ އެވެ. މި ސަރވޭއިން ފާހަގަކުރެވުނު ގޮތުގައި އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވެ އެވެ.
މި ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް 12,006,200.00ރ (ބާރަ މިލިޔަން ހަހާސް ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭއާރްއޭ އިން ބުނެފައިވެ އެވެ. އެ އޮތޯރިޓީއިން އިތުރަށް ބުނީ، މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް 19 ނޮވެންބަރު 2025 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.


