ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ފައިދާ ވާނީ ރައްޔިތުންނަށް: ޤާސިމް

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ފައިދާވާނީ ރައްޔިތުންނަށް ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ދެކޭގޮތް ހާމަކުރުމަށް ޤާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މުހިންމު އިސްލާހެއް ކަމަށާއި އަދި ހާލަތާއި ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމަށެވެ.

އެގޮތުން މިސާލެއްގެ ގޮތުން ޤާސިމް ވިދާޅުވީ އިންތިހާބު ކައިރިވެފައިވަނިކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގައި ބިންތައް ދޫކޮށް، ގިނަ މުވައްޒަފުން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް އޮވެގެން ނުވާނެ ކަމަށެވެ. ޤާސިމް ވިދާޅުވީ، ކައުންސިލްތަކުން ”އިޚްލާސްތެރިވާން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ވިސްނުމަށް“ ކަމަށެވެ.

ރަށްރަށުގެ ތަރައްގީގެ ޕްލޭނަކީ ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އޭގައި ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ކުއްލިއަކަށް ފެށުމުގެ އިޚްތިޔާރު ކައުންސިލްތަކަށް އޮވެގެން ނުވާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން އެރަށެއްގެ އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުމުން، އެކަމުގެ ފައިދާ ލިބިގެންދާނީ، އެރަށެއްގެ އާންމުންނަށާއި، އާންމު ވިޔަފާރިތަކަށް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.

”އެހެންކަމުން މި އިސްލާހްތަކުން ފައިދާ މާބޮޑަށްވެސް އޮތީ އާންމު ރައްޔިތުންނަށް. އެހެންކަމުން މިއީ މިއީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު ’ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް‘ ގެންނަންޖެހޭ އިސްލާހުތަކެއް ކަމީ ޝައްކެއް އޮތްކަމެއް ނޫން.“

މީގެއިތުރުން ރާއްޖޭއަކީ ޔުނިޓަރީ ދައުލަތެއްކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭނެ މިންވަރަށް ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.

ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ:

  • ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ، ރަށުގެ އަމިއްލަ ފަރާތަކުން ކުރަމުންދާ އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ވެގެން ނުވާނެ ކަމަށް. އެ ކުންފުނިންކުރާ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމުގައިވާންޖެހޭނެ ކަމަށް. އަދި މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވާންވާނެ ކަމަށް.
  • މި އިސްލާހަށް އަމަލުކުރުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހިންގަމުންދާ ވިޔަފާރީގެ ހަރަކާތްތައް އިސްލާހުގައި ބަޔާންކުރާ ކަންކަމާ ތައާރުޒުވާނަމަ، މި އިސްލާހަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި އެ ފަދަ ވިޔަފާރީގެ ހަރަކާތްތައް ހުއްޓާލަންވާނެ ކަމަށް.
  • ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކައުންސިލަށް ކުއްޔެއް ނުނެގޭނެ ކަމަށް.
  • ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ އަދި ކޮންޓްރެޓް އުސޫލުން މުވައްޒަފުން ނަގައިގެން ނުވާނެ ކަމަށާއި، ކައުންސިލްގެ ފަހު އަހަރުގައި، އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ކަމަށް. އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައްވެސް ކައުންސިލްގެ ފަހު އަހަރުގައި ފެށޭނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް ގާސިމް އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ