ރަށްރަށުގެ މަގުތަކުގައި ތާރު އަޅައިގެން ހާޑް ސަރފޭސް ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބ. ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޚާއްޞަކޮށް ޓޫރިޒަމް ގެސްޓްހައުސްތައް ތަރައްޤީވަމުން އަންނަ ރަށްރަށުގައި، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނެ ގޮތަކަށް މަގުތައް ހެދުމަކީ މުހިންމު ކަމެކެވެ. އަދި މިކަން ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކޮންމެހެން މާ ހާޑް ސަރފިސްއެއް ގޮތަށް ތާރުއެޅުން، ގާ އަތުރައިގެން، ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ކަމަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރު ނިންމުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަމަށެވެ.
އަދި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިކަން ކުރިއަށް ގެންދާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.