ލ. މާވަށުގައި ވަޅިއަކުން ހަމަލާދީ މަރާލި ނަލަހިޔާ، ލ. މާވަށް މޫސާ އިބްރާހީމްގެ ޖަނާޒާ ބާއްވައިފި އެވެ.
ޖަނާޒާގެ ކަންކަން ކުރިއަށް ދިޔައީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެރަށުގެ ވޮލީ ކޯޓް ސަރަހައްދުގައި މޫސަ ހުއްޓާ އޭނާއަށް ހަމަލާދީފައިވަނީ ވަޅިއަކުންނެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ، އަސަރީ މަންޒިލް / ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29 އަހަރު އެވެ. ހަމަލާ ދިނުމުގައި ބޭނުން ކުރިކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަކުންވަނީ ހޯދާފަ އެވެ. އެ ވަޅި ހޯދާފައިވަނީ މޫދަށް ފީނައިގެންކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެެދުމަށް މާލެ ގެނައީ ޖުލައި 29 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މުސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ތަހުގީގުން ނިންމާ އިންޑިއާއަށް ފޮނުވާފައިވަނީ އޮގަސްޓް 6 ގަ އެވެ.
ޕޯސްޓްމޯޓަމް ހެދުމަށްފަހު މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ދެމީހުންގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށް ބެލެވޭ ކަމަށެވެ.