ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބެލެވޭތީ، ފުލުހުންގެ މައްޗަށް ދައުވާކުރުމާމެދު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިއިސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް ފަށައިފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކޮށްފައިވާގޮތް އެންއައިސީން ވަނީ ތަހުގީގު ކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގަ އެވެ.
މި މައްސަލައިގައި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ ގޮތަކަށް އަމަލުކޮށްފައިވުމާއި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން އަދި ދައުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުމުގެ ތުހުމަތު އެންއައިސީން ކުރެ އެވެ.
ބޮޑެތި ޒަހަމުތަކަކާ އެކު ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން އޭރުގައި ވަނީ ޒަކިއްޔާގެ ހަށިގަނޑުން ފެނުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ. މި ހޯދުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.
ފުލުހުން އޭރު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ޒަކިއްޔާގެ ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނިފައިވެ އެވެ. އަދި އެކަން ހިނގި ތަނުން އިތުރު މީހަކު އުޅެފައިވާކަން ދައްކުވައިދޭ އެއްވެސް ހެއްކެއް ނުވަތަ ނިޝާނެއް ފެނިފައެއް ނުވެ އެވެ.
ޕެތޮލޮޖިސްޓްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަކިއްޔާގެ ކަރުގެ ދެފަރާތުގައި ގިނަ އަނިޔާތަކެއް ފެނިފައިވެ އެވެ. މީގެ ތެރޭގައި ވާތު ފަރާތުގައި ފުން ތިން ޒަހަމަކާއި، ކަނާތު ފަރާތުގައި ފުން ދެ ޒަހަމް ހިމެނެ އެވެ. މީގެއިތުރުން، ޒަކިއްޔާގެ މޭމަތިން ވަތްކެއްގެ ނިޝާން ފެނިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ޑޮކްޓަރުންގެ ލަފާގައި މި ވަތްކަކީ އެހެން މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫންކަމަށް ބަޔާންކޮށްފައިވެ އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)



