ޒަކިއްޔާގެ މަރު: އާއިލާގެ ކަންބޮޑުވުން ރައީސް އަޑުއައްސަވައިފި

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އާއިލާއާއި ރަށުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވާ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑުއައްސަވައިފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ނ. ހޮޅުދޫއަށް ވަޑައިގެންފަ އެވެ.

އެ ރަށަށް ރައީސް ވަޑައިގެންނެވިއިރު ސަލާންކުރަން ގޮސްތިބި ބައެއް މީހުުންވަނީ ޒަކިއްޔާގެ މަރާއި ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މިކަމާ ގުޅިގެން ރައީސް ވަނީ އެ ކަންބޮޑުވުންފާޅުކުރި އެ ރަށުގެ ރައްޔިތުން އަދި އާއިލާގެ ބައެއް ފަރާތްތަކާ ބައްދަލުކުރައްވާފަ އެވެ. އަދި އެކަމުގައި އިންސާފު ހޯދައިދޭން ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑެތި ޒަހަމުތަކަކާ އެކު ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން އޭރުގައި ވަނީ ޒަކިއްޔާގެ ހަށިގަނޑުން ފެނުނު އަނިޔާތަކުގެ ތަފްސީލް ހާމަކޮށްފަ އެވެ. މި ހޯދުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑުން ފެނުނު އަނިޔާތަކަކީ އެހެން މީހެއްގެ ފުށުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

ފުލުހުން އޭރު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ޒަކިއްޔާގެ ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނިފައިވެ އެވެ. އަދި އެކަން ހިނގި ތަނުން އިތުރު މީހަކު އުޅެފައިވާކަން ދައްކުވައިދޭ އެއްވެސް ހެއްކެއް ނުވަތަ ނިޝާނެއް ފެނިފައެއް ނުވެ އެވެ.

ޕެތޮލޮޖިސްޓްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަކިއްޔާގެ ކަރުގެ ދެފަރާތުގައި ގިނަ އަނިޔާތަކެއް ފެނިފައިވެ އެވެ. މީގެ ތެރޭގައި ވާތު ފަރާތުގައި ފުން ތިން ޒަހަމަކާއި، ކަނާތު ފަރާތުގައި ފުން ދެ ޒަހަމް ހިމެނެ އެވެ. މީގެއިތުރުން، ޒަކިއްޔާގެ މޭމަތިން ވަތްކެއްގެ ނިޝާން ފެނިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ޑޮކްޓަރުންގެ ލަފާގައި މި ވަތްކަކީ އެހެން މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫންކަމަށް ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަކިއްޔާގެ މަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ