އާސެނަލް އިން ހޯދުމަށް މަސައްކަތް ކުރަމުންދާ ވިކްޓާ ޔޯކަރޭޝް، ސްޕޯޓިން ލިޒްބަންގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމުން، އޭނާއާ މެދު ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.
ޕްރީ-ސީޒަން ފަރިތަކުރުމުގައި ބައިވެރިނުވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމީ ކްލަބުގެ ރައީސް، ފްރެޑެރެކޯ ވެރަންޑެސް އެވެ. އޭނާ ބުނީ، ކަންތައްތައް ގޮސްފައި އޮތް ހިސާބުން، ޔޯކަރޭޝްގެ ޓްރާންސްފާ ކަންތައް ވަނީ އިތުރަށް އުނދަގޫވެފައެވެ.
ރޮޕޯޓުތައް ބުނާގޮތުން، އާސެނަލްގެ ސްޕޯޓިން ޑިރެކްޓާ ވަނީ ދާދި ފަހުން ޔޯކަރޭޝް އާ ބައްދަލުކޮށްފައެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާއަށް އާސެނަލް އިން އެންމެ ފަހުން ހުށަހެޅީ 70 މިލިއަން ޔޫރޯ އެވެ. މިދިޔަ މަހު ސްޕޯޓިންގެ ރައީސް ބުނީ، 70 މިލިއަން ޔޫރޯއަށް ޔޯކަރޭޝް ނުވިއްކާނެ ކަމަށެވެ. ނަމަވެސް، އޭނާގެ ރިލީޒް ކްލޯޒްގައި ހިމެނޭ 100 މިލިއަން ޔޫރޯ ދެއްކުމަށް ޑިމާންޑް ނުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގައި 52 މެޗުން 54 ލަނޑު ޖެހި ޔޯކަރޭޝް، ފަރިތަކުރުންތަކުގައި ބައިވެރި ނުވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.
ސްޕޯޓިންގައި ހޭދަކުރި ދެ ސީޒަނުގައި ޔޯކަރޭޝް ވަނީ 102 މެޗު ކުޅެ 97 ލަނޑު ޖަހައި، ސްޕޯޓިން އަށް ލީގު ޗެމްޕިއަންކަން ދެފަހަރު ހޯދަދީފައެވެ.