ސެޕްޓެމްބަރު މަހުގެ އުމްރާއަށް ރަޖިސްޓަރީވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
ސެޕްޓެންބަރު އުމްރާގެ ފޯމު ބަލައިގަތުމުގެ ސުންގަޑި އަކީ އޮގަސްޓް 14 ގެ 13:00 ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެ އެވެ. އުމްރާ ޕެކޭޖްގެ ދަށުން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދީފައިވެ އެވެ.
އެގޮތުން އުމްރާ ވިސާ، އެއާލައިން ދެކޮޅު ޓިކެޓް، 5 ލީޓަރުގެ ޒަމް ޒަމް ފެން ފުޅިއެއް، ލޮކޭޝަން ޓްރެކިންގް ޑިވައިސް، 3 އުމްރާ، ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް، މަދީނާ ދަތުރު ހައިސްޕީޑް ރޭލުގައި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު 24 ގަޑިއިރުގެ ކްލިނިކްގެ ހިދުމަތް، އުމްރާ ކިޓް (ފޮށި، އަތްދަބަސް، އިހްރާމް، އުމްރާ ދުއާ ކާޑް، އުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)، މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު، ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އިރުޝާދު، އުމްރާ ޓްރެއިނިންގް އަދި އުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ސެޕްޓެމްބަރު މަހުގެ އުމްރާގައި ހިމެނެނީ 12 ދުވަހުގެ ޕެކޭޖަކާއި 15 ދުވަހުގެ ޕެކޭޖެކެވެ. އެގޮތުން، 12 ދުވަހުގެ ޕެޖޭކްގެ އަގަކީ 28،965 ރުފިޔާ އެވެ. އަދި 15 ދުވަހުގެ ޕެކޭޖްގެ އަގަކީ 29،965 ރުފިޔާ އެވެ.
ސެޕްޓެމްބަރު މަހުގެ އުމްރާއަށް ރަޖިސްޓަރީވުމަށް ނަން ނޯޓު ކުރެއްވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 9482292 ނުވަތަ 1435 އަށް ގުޅުއްވުމަށް ހައްޖު ކޯޕަރޭޝަނުން އެދިފައިވެ އެވެ.