މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އެކުވެރި އަބަރި އިމާރާތާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ބިނާރުކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ މާފަރު އެއާޕޯޓުގައި ’ކޯޑު އީ‘ ފެންވަރަށް ތަރައްގީކުރި ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާއި އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި އައިލެންޑް އޭވިއޭޝަން ސާވިސްގެ އެމްޑީ އިބްރާހިމް އިޔާސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ފާހަގަ ކުރަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މި ގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ބިނާރު ކަމަށެވެ.
ފޮރިން އިންވެސްޓްމެންޓްތަކަކީ ހަމައެކަނި ދައުލަތަށް ޓެކްސް ފައިސާ ހޯދަން އޮންނަ މަގަކަށް ވެގެން ނުވާނެ ކަމަށާއި އެ އިންވެސްޓްމެންޓްތަކުން ދިވެހި ޒުވާނުންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ފުރުސަތުތައް ލިބެން ޖެހޭކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ. އަދި ނ އަތޮޅަކީ މިފަދަ ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ އަތޮޅެއްގެ ގޮތުގައި މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މާފަރު އެއާޕޯޓުގައި ތަރައްގީކުރި މި ރަންވޭ ރަސްމީކޮށް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެ ރަންވޭއަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްކަމަށްވާ އޭ330 އެވެ.
އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ތަރައްގީ ކުރި މާފަރު އެއާޕޯޓުގެ ފުރަތަމަ މަރުހަލާގައި ގާއިމުކޮށްފައިވަނީ 2200 މީޓަރުގެ ރަންވޭ އެކެވެ. އެއަށްފަހު ދެވަނަ ފިޔަވަހީގެ ދަށުން އެ ރަންވޭ ބޮޑުކޮށް ވައިޑް ބޮޑީ އެއާކްރާފްޓްތަކަށް ޖެއްސޭ ފެންވަރަށް ތަރައްގީކުރި އިރު ވަނީ ރަންވޭއަށް 650 މީޓަރު އިތުރުކޮށްފަ އެވެ.
އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ވަނީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 49 މިލިއަން ޑޮލަރު އަދި ދެވަނަ ފިޔަވައްސަށް 27 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.
ބޮއިންގް 777 ޖެއްސޭ ފެންވަރަށް މަސައްކަތް ނިންމައި، އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސް މަރުހަލާ ފުރިހަމަ ކުރުމަށް އެމިރޭޓްސްގެ ބޮއިންގް 777 ބޯޓެއް ވެސް ވަނީ އެ އެއާޕޯޓަށް ޖައްސާފަ އެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އެކުވެރި އަރަބި އިމާރާތް މާފަރު އިންޓަނޭޝަނަލް އެއާޕޯޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ