މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ އެއާޕޯޓުކަމަށް އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވެއްޖެ އެވެ.
އެމްޑީ އިޔާސް މިހެން ވިދާޅުވީ އެއާޕޯޓުގައި ’ކޯޑު އީ‘ ފެންވަރަށް ތަރައްގީކުރި ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އިޔާސް ވިދާޅުވި ގޮތުގައި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް 3،000 އަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓު މި އެއާޕޯޓަށް އޮޕަރޭޓުކޮށްފައިވެ އެވެ.
އިޔާސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އެއާޕޯޓުން މިހާތަނަށް ޖުމްލަ 9،000 އަށް ވުރެ ގިނަ ފްލައިޓާއި 250،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެ އެވެ. މީގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އިތުރުން ޕްރައިވެޓް ޖެޓުތަކާއި ސީޕްލޭން ޚިދުމަތްތައް ހިމެނެ އެވެ. އަދި އެއާޕޯޓާ ގުޅިގެން އެ ސަރަހައްދުގައި 70 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓުގެ ގޮތުގައި ފާހަގަކުރެވޭ މާފަރު އެއާޕޯޓުގެ ޕާކިންގ ޖާގަ އިތުރުކުރުމުގެ މަޝްރޫޢެއް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށާއި، މި މަޝްރޫޢު ނިމުމުން އެއްފަހަރާ 30 ޖެޓަށް ޕާކުކުރެވޭނެ ކަމަށް އިޔާސް ވިދާޅުވި އެވެ.
އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ތަރައްގީކުރި މި ރަންވޭ ރަސްމީކޮށް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެ ރަންވޭގައި ޖެއްސީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 އެވެ. ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އެހެނިހެން މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މާފަރު އިންޓަނޭޝަނަލް އެއާޕޯޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު