މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަގީރަކަށް 5،000 ރުފިޔާ ބަހައިފި އެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ، ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަގީރުންނަށް، ކޮންމެ މީހެއްގެ ބޮލަކަށް 5000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް ބަހާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރަށްވުރެ އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 9264.15 ރުފިޔާ އެވެ.
މިދިޔަ އަހަރު މުދަލު ޒަކާތް ބަހާފައިވަނީ ކޮންމެ ފަގީރަކަށް 4000 ރުފިޔާގެ މަގުންނެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައިވެސް ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4500 ރުފިޔާ ބަހާފައިވެ އެވެ.
ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ފިޠުރު ޒަކާތް ނެރޭފަދައިން، މުދަލުގެ ނިސާބު ހަމަވެފައިވާ މީހާ މުދަލު ޒަކާތް ނެރުމަކީ، ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅު ކަމެކެވެ.