ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ފައިސާ ނަގައިގެން ސްކީމެއް ހިންގަމުން ދަނިކޮށް އެކަން ހުއްޓުވާ، 13 މީހެއްގެ ފައިސާ ޓަކައިގެންފާވާކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ އެއް މަސްއޫލުވެރިޔާ އަދި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ އިތުރު ސްކީމެއް އިއުލާންކޮށްފި އެވެ.
މިކަން އަލްހާން އިއުލާންކޮށްފައިވަނީ އޭނާގެ ޓެލެގްރާމް ގްރޫޕުގައި އާންމު ކުރި ނޫސް ބަޔާނެއްގަ އެވެ. މި ބަޔާނަކީ ގިނަ އަދަދެއްގެ މީހުން ޖެމްކިއު ނަމަކަށް ކިޔާ ޓްރޭޑިންގ ޕްލެޓްފޯމެއް ކަމަށް ބުނާ، ނަމަވެސް ކޮންބައެއްކަަން ނޭނގޭ ބަޔަކު ހިންގާ މި ޕްލެޓްފޯމަށް އިންވެސްޓްކޮށްގެ އުޅެނިކޮށް، އެމީހުން ފައިިސާ ނުދީ ފިލީ ކަމަށް ބުނާ މަައްސަލައިގާ، އަލްހާނަށް އަމާޒުކޮށްގެން މީޑިއާ ތަކުގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ނެރޭ ނޫސް ބަޔާނެއްކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން މިހާރު ވަނީ އަލުން ކްރިޕްޓޯ ކަރަންސީ ޓްރޭޑިންގ އިންވެސްޓްމަންޓް ޕްލޭނެއް ތަޢާރަފުކޮށްފައި ކަމަށާއި މި ޕްލޭންގެ ދަށުން މަދުވެގެން 200 ޔޫއެސްޑީޓީ އިން ފެށިގެން އިންވެސްޓްކުރެވޭނެކަމަށް އަލްހާން ވިދާޅުވެފައިވެ އެވެ. އިންވެސްޓްމަންޓްގެ ޢަދަދަށް ބަލައި ދުވާލަކު 1.5 އިން 3 ޕަސެންޓާ ދެމެދުގެ ފައިދާއެއް ލިބޭނެކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މި ސްކީމަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓާކޮށްގެން ހިންގާ ސްކީމެއްކަމަށް ބުނެފައެއް ނުވެ އެވެ. ރާއްޖޭގައި މިފަދަ ސްކީމެއް ހިންގޭނީ ސީއެމްޑީއޭގައި ރަޖިސްޓާކޮށްގެންނެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން ކުރިން ހިންގި އޮންލައިން ޓްރޭޑިންގ އިންވެސްޓްމަންޓް ޕްލޭންތަކަކީ މަކަރާއި ހީލަތުން މީހުންގެ ފައިސާ ނެގުމަށް ހިންގި ޕޮންޒީ ސްކީމެއް ނޫންކަމަށް އަލްހާންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މި މުޢާމަލާތްތައް ކުރެވިފައިވަނީ ދެފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވެގެން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އިންވެސްޓްމަންޓް ޕްލޭންތައް ބިނާކޮށްފައިވަނީ އިންވެސްޓަރުން ފޮނުވާ ފައިސާއިން ޓްރޭޑްކޮށްގެން ލިބޭ ފައިދާގެ މައްޗަށް ކަމަށާއި އޮންލައިން ޓްރޭޑިންގގައި ދުވާލަކު 5 އާއި 10 ޕަސެންޓާ ދެމެދުގެ ފައިދާއެއް ހޯދުމަކީ އެ ކުންފުނީގެ ތަޖުރިބާގައި ކުރެވޭނެ ކަމެއްކަމަށް ބުނެފައިވެ އެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުންފުނީގެ ވިޔަފާރި ހުއްޓުމަކަށް އައީ ބޭންކް އޮފް މޯލްޑިވްސްއިން ކުންފުނީގެ އެކައުންޓް ބަންދުކުރުމާ ގުޅިގެން ކަމަށާއި މިކަމާ ގުޅިގެން ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއިން ބޭންކުގެ މައްޗަށް ކުރި ދަޢުވާގައި ޝަރީޢަތުން ނިންމާފައިވަނީ ކުންފުނީގެ ވިޔަފާރި ހުއްޓުވައި އެކައުންޓް ބަންދުކޮށް ފައިސާ ހިފެހެއްޓީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސިއެމްޑީއޭ) އަލްހާން ފަހުމީ
