އިޒްރޭލުން ސުލްހައާއި ހަމަޖެހުން ނަގާލައިފި، ހަމަލާތައް ހުއްޓާލަން ގޮވާލަން: މިނިސްޓަރު ޚަލީލް

Advertisement

އެންމެ ފަސް

Advertisement

މުޅި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުން އިޒްރޭލުން ނަގާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، އުންމަތް މިއަދު އޮތީ ބިރުވެރިކަމާއި ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދެމުންދާތާ ދެ އަހަރު ވެފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 50،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާ 100،000 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާކަން މިނިސްޓަރު ޚަލީލް ފާހަގަކުރެއްވި އެވެ. އަދި މުޅި ދުނިޔޭގެ ކުރިމަތީގައި ފަލަސްތީނުގެ އާންމު ރައްޔިތުންނާއި އިންސާނީ އެހީއަށް މަސައްކަތްކުރާ މީހުންނާއި ނޫސްވެރިން މަރަމުންދާކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ އިޒްރޭލުން މިފަހުން އިރާނަށް ދޭންފެށި ހަމަލާތަކަކީ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ދިން ހަމަލާއެއް ކަމަށެވެ.

”ދިވެހިރާއްޖެއިން، އިސްރާއީލުގެ އަނިޔާވެރިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން.“ މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ ދިވެހިރާއްޖެ ފަލަސްތީނުގެ ރައްޔިތުންނާއިއެކު ދެމި ތިބޭނެ ކަމަށެވެ. އެކަން ދަލާލަތުކޮށްދޭ އެއްކަމަކީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޤާނޫނެއް ތަސްދީގު ކުރެެއްވުން ކަމަށްވެސް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ޚަލީލްވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ، ލަސްކުރުމެއްނެތި ޣައްޒާއަށް އެހީވެއްދުމަށް ގޮވާލާފަ އެވެ.

ތުރުކިޔޭގެ އިސްތަމްބުލްގައި ކުރިއަށްގެންދާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 51 ވަނަ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 އަދި 22 ވަނަ ދުވަހު އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ