ރާމޯސްގެ ލަނޑާއެކު މޮންޓެރޭ އިން އިންޓަ ކައިރިން އެއްވަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭ ތަޖުރިބާކާރު ޑިފެންޑަރު، ސާޖިއޯ ރާމޯސްގެ ލަނޑާއެކު މެކްސިކޯގެ މޮންޓެރޭ އިން 1-1 ގެ ނަތީޖާއަކުން އިންޓަ މިލާނާ އެއްވަރުކޮށްފި އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މޮންޓެރޭ އިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން، އެ ޓީމަށް ކުރިހޯދައިދިނީ އުމުރުން 39 އަހަރުގެ ރާމޯސް އެވެ. ރާމޯސް ވަނީ ރެއާލް މެޑްރިޑާއެކު ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މޮންޓެރޭ އާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ އަތުން 5-0 ގެ ނަތީޖާއަކުން ބަލިވުމަށްފަހު އިންޓަ އިން ކުޅުނު ފުރަތަމަ މެޗެވެ. ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

މެޗު ނިމެން ގާތް ވެފައިވަނިކޮށް، މޮންޓެރޭގެ ނެލްސަން ޑިއޯސާ އަށް ވަނީ ލީޑު ލަނޑެއް ޖެހުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

ރޭގެ މެޗަކޯ އިންޓަގެ ކޯޗު ކަމާ ކްރިސްޓިއަން ޗިވޫ ހަވާލުވުމަށްފަހު އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގު ފައިނަލަށްފަހު، ސިމޯން އިންޒާގީ ވަނީ މަގާމުން ވަކިވެފަ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ