ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަވަހާރަވީ ނޫންކަމަށާއި ޝަހީދުކޮށްލީ ކަމަށް ބުނެ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
އިމްރާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑރ އަބްދުލްމަޖީދުގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ.
”އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.“ އިމްރާން ވިދާޅުވި އެވެ.
މިވަރުގެ ބޮޑު ތުހުމަތެއް އިމްރާން ކުރެއްވިއިރު، މިކަމުގެ އެއްވެސް ތަފުސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި މިފަދަ ގޮތަކަށް ތުހުމަތު ކުރެވުނު ސަބަބެއްވެސް ހާމަކުރައްވާފައެއް ނުވެ އެވެ.
މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމުގައި އިމްރާން ހުންނެވިއިރު، އެ ފަސް އަހަރުވެސް މިފަދަ ވާހަކައެއް ނުވަތަ ތުހުމަތެއް އިމްރާން ކުރައްވާފައެއް ނުވެ އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަވާހާރަވީ އަވައްޓެރި ސްރީލަންކާގައި، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އަވަހާރަވީ ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.