މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލު ރާއްޖެއިން ފުރި ވާހަކައަކީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރައުދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އަދިވެސް ދެމި އޮތް ކަމަށެވެ. އެހެންކަމުން އޭނާ ފުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގެއްކަމަށް ފުލުހުން ބުނި އެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯއެއްގައި ބުނެފައިވަނީ ރައުދުއާ، އޭނާގެ ދެ ބޭބެއާ މަންމަ ރާއްޖެއިން މިއަދު ފުރާފައިވާ ކަމަށެވެ.
ރައުދަށް ދައުވާ ކޮށްދިނުމަށް ފުލުހުން މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ޖޫން 4 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، ރައުދުގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. މި ދައުވާގެ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ރައުދުގެ މައްޗަށް މި ދައުވާ އުފުލި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، 18 އެޕްރީލް 2025 ދުވަހު 04:54 އެހައިކަށްހައިއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ރައުދުއާ ސުވާލުކޮށްފައިވެ އެވެ. އަދި އެ ކޮމިޝަނުން ހާމަކޮށްފައިވަނީ ކޮމިޝަންގެ މަސައްކަތްތައް ނިމުމަކާގާތަށް ގޮސްފައިވާ ކަމަށެވެ. ޖޫން 1 ވަނަ ދުވަހު އެ ކޮމިޝަނުން ބުނެފައިވަނީ 2 ހަފްތާއެއްގެ ތެރޭގައި ކޮމިޝަންގެ ރިޕޯޓު ރައީސްއަށް އަރުވާނެ ކަމަށެވެ.
ރައުދު އަހުމަދު ޒިލާލް އަންހެނަކު ވެއްޓުން ދިވެހި ފުލުހުންގެ ޚިދުމަތް