ސަރުކާރުން ތަޢާރަފް ކުރުމަށް މަސައްކަތް ކުރާ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޯގަސްޓް މަހު ފަހުކޮޅު ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ލައިން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ޓެކްސީތައް ސަޕްލައިކޮށްދޭނެ ފަރާތެއް ކަނޑައަޅައި، ޓެކްސީތައް އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށާއި ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ފުލް އީވީ ސެޓަޕެއްވީމަ، މީގަ ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި. ސަޕްލަޔަރުންވެސް ކަނޑައެޅިފައި ހުރީ. އެ ބޭފުޅުންނާއިއެކު އެގްރިމެންޓްވެސް ހައްދަވާފައި ހުރީ
އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ޚިދުމަތް ފެށުމަށް ކުރިން ކަނޑައަޅާފައިވާ ޓައިމްލައިނަށް ބަދަލު އައިސްފައިވަނީ ޓެކްސީތައް އުފެއްދުމުގެ މަސައްކަތް އަދި ފެށިފައި ނުވާތީކަމަށެވެ. އަދި މި މަސައްކަތް މިމަހު ފަށާ، އަންނަ އޮގަސްޓުގައި ޓެކްސީ ލައިންގެ ހިދުމަތް ދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ޚިދުމަތް ފެށުމުން ޓެކްސީ ޑްރައިވަރުންނަށް ދާއިމީ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި، ވަޒީފާ ދިނުމުގައި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޓެކްސީ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން