އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމަކަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިވްލޮޕްމަންޓް ބޭންކް (އެސްޑީއެފްސީ) އިން ހުޅުވާލައިފި އެވެ.
މި ލޯނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ދަށުން، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށްޓަކައި ތަޢާރަފުކުރާ ޚާއްސަ ލޯނު ސްކީމެކެވެ. މި ސްކީމަކީ އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
”ފަށާ މަދަދު“ގެ ނަމުގައި ކުރިއަށްގެންދާ މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ދޫކުރާ މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެސްޑީއެފްސީން ވަނީ ހާމަކޮށްފަ އެވެ. މިއީ އެސްޑީއެފްސީން މި ބާވަތުގެ ލޯނު ދޫކުރާ ފަސްވަނަ ފަހަރެވެ.
ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާ މި ލޯނު ސްކީމްގެ ދަށުން، މުޅި ޖުމްލަ އަދަދުގެ 25 ޕަސެންޓް ދޫކުރުމަށް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފަ އެވެ. މިއީ އިޖުތިމާޢީ ރައްކާތެރިކަމަށް އިސްކަންދީގެން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެ ބޭންކް އިން ުބުނެ އެވެ.
މި ލޯނު ސްކީމްގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ މައިދާނަށް ނުކުމެ، އިޤްތިޞާދީ ގޮތުން ބާރުވެރިވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދިނުމެވެ. މި ލޯނު ސްކީމްގެ ސަބަބުން ގިނަ އަންހެނުންތަކަކަށް އަމިއްލަ ވިޔަފާރި ފަށައި، ކުރިއަރުވައި، ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންްސް ކޯޕަރޭޝަން (އެސްޑީއެފްސީ)