އްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް، މުޅި ރާއްޖެ ގުޅުވާލުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް ނިންމައި، އެކަމާ ގުޅޭ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް، މުޅި ރާއްޖެ ގުޅުވާލުމަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭނެ މަޝްރޫއުތަކެކެވެ. މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފަށާފައިވާ ފެރީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ”އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ، އަބަދުވެސް ފާހަގަކޮށްލެވޭ، ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި، ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވިފައިވާ އެހީތަކެއް“ ކަމަށެވެ.
މިނިސްޓަރ ޚަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުތަކަކީ މުޖުތަމައުގެ އުމްރާނީ ތަރައްގީއަށާއި، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާ ކުރާނެ މަޝްރޫއުތަކެކެވެ. އަދި މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ”މިދިޔަ ސަރުކާރުގައި އަމާޒުހިފާފައި އޮތީ މުޅި މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލުން“ ކަމަށެވެ.
މި މަޝްރޫއަކީ ’ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް‘ ސްކީމްގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ސްކީމް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް