”މޯލްޑިވްސް 2.0“ ގައި ހިމެނޭ ކަންކަން ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗެއާ ކުރައްވާ ކައުންސިލެއްގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، ”މޯލްޑިވްސް 2.0“ ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށާއި، މުޅި މަސައްކަތް ކުރިއަށްގެންދާނީ ރައީސް ޗެއާކުރައްވާ، ދާއިރާގެ މާހިރުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
”މޯލްޑިވްސް 2.0“ އާއެކު ފެށިގެން މިދަނީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
މިއީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ހިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫއެއްކަން މިނިސްޓަރު އިހުސާން ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން އަދި ދައުލަތުގެ 3 ބާރުގެވެސް ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން ހިމެނޭހެން ހިންގޭ މަޝްރޫއެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މި ސަމިޓް ކާމިޔާބުކަމާއެކު ފެށިގެން ގޮސް ރާއްޖެއަށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް 2.0