ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
މިކަން ކަށަވަރުކޮށް ދެއްވައިފައި ވަނީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.
ހީނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ސީޕީ ޝުޖާއު އިސްތިއުފާ ހުށަހެޅުއްވުނުން އެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަބޫލު ފުޅު ކުރައްވާފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި އަންހެން ކުއްޖާ މިހާރުވަނީ މެލޭޝިއާއަށް ފުރުމަށް ތައްޔާރުވެފަ އެވެ. މި ހަބަރު ލިޔުނު ވަގުތު އެ ކުއްޖާވަނީ އެއާޕޯޓަށް ގެންގޮސްފަ އެވެ.
މި މައްސަލައިގައި މިހާރު ވަނީ ވެއްޓުމުގެ ކުރިން އެ އަންހެން ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ ވެއްޓުނު ރޭ ވެއްޓުނު ގެއަށް ރައުދުއާއެކު އައުމުގެ ކުރިން ދިމާވި މީހުންނާއި ރައުދުގެ ޕާސްޕޯޓާއި ފޯނުވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.
އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ ކުއްޖާއާއެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އާ އެ ކުއްޖާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައުދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބަންދުގެ މަޖިލީހުގަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގެ އައިއޯ ވަނީ އަނިޔާ ލިބުނު ފަރާތާއި ރައުދުއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގާފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އެގިފާވާކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީކަމަށް ބެލެވޭކަމަށް ރައުދު ބުނެފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި އާންމުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ފުލުހުން ބައެއް ކަންކަން ފޮރުވަން އުޅޭކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުންވެސް އަދި މިނިސްޓަރު އިހުސާންވެސް ވަނީ އެއްވެސް ކަމެއް ސިއްރުކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އައްޔަންކޮށްފައިވަނީ ޑިސެމްބަރު 25، 2023 ގަ އެވެ.
ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް