އަންހެން ކުއްޖާ ވެއްޓުނު މައްސަލާގަ އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން: ސީޕީ

Advertisement

އެންމެ ފަސް

Advertisement

ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސިއްރު ނުކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޕްރީލް 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ މަޢުލޫމާތު އާންމުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގަތެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ މައްސަލައި ތަހުޤީޤް ފުރިހަމައަށް ގެންދިއުމަށްޓަކައި، އިއްޔެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންގެ ބެލުމުގެ ދަށުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން، އެ މައްސަލައިގެ ތަހުޤީޤްގައި ފުލުހުންގެ އިހުމާލެއްވާނަމަ، އެފަދަ ކަމެއްގައިވެސް ފިޔަވަޅު އަޅައި، އިތުރު މައުލޫމާތުތައް ތިލަވަމުން އަންނަ މިންވަރަކުން އެ މައުލޫމާތުތައް ހާމަކުރަމުންގެންދާނެ ކަމަށެވެ. ސީޕީ ވަނީ މި މައްސަލަ ތަހުޤީޤްކުރުމުގައި އެހެން މައްސަލަަކާއި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

”އަޅުގަނޑުމެން މި ހިންގާ ތަހުގީގުގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން އަޅުގަނޑުމެން މީގައި ކުރީގައި ވެސް ބަލަމުންދާ މައްސަލަތަކާ މިއާ ވަކި ތަފާތުކޮށް ކުރި ކަމެއް ނޯންނާނެ. އެ ޔަގީންކަން އަރުވަން،“

މި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ނަވީން ވިދާޅުވީ ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ. އަދި ފެންލައިޓުން ވެއްޓުނުކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ހާދިސާ ހިނގި ރޭ ”ޕާޓީ“ އަށް ދިޔަ ފަރާތްތަކުގެ ތެރޭގައި އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒް ހިމެނެ އެވެ. މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ހާދިސާ ހިނގި ރޭ 4:15 އެހާކަށްހާއިރު ޔުމްނާއި ރައުދު މަސްތުގެ ހާލުގައި ވަދެފައިވަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އަދި ހާދިސާ ހިނގި ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ސީޕީ ސުޖާއު އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވަނީ ޤާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުފޮނުވިދާނެތީ އެވެ. ނަމަވެސް މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އަލީ ސުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ